އައްޑޫ ސިޓީގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީ ގެންގޮސް މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ތަކެއްްޗާއި މެޝިނަރީޒް ހިފައިގެން ދިޔަ ބޯޓު، 'އެމްސީ މެލީނާ' ވަނީ އައްޑޫ ހިތަދޫގައި ބަނދަރުކޮށްފައެވެ. އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުއާ ހަވާލުވެފައިވާ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުނިން ބުނެފައިވަނީ ބިން ހިއްކުމަށް ވެލި ނެގުމަށް ޓަކައި އެ ކުންފުނިން އޮޕަރޭޓު ކުރާ އެޗްއޭއެމް 318 ޑްރެޖަރު ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ 27 މާޗްގައި އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢޫގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތުގެ ތެރެއިން އައްޑޫގެ ތިމާވެއްޓަށް ގެއްލުންވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިކަމާއި ގުޅިގެން ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތުގެ ތެރެއިން އައްޑޫގެ ނާޒުކު ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބަލަމުންގެންދާ ކަމަށެވެ. މީގެ ތެރެއިން މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ވެން އޫޑް ކުންފުނިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ.