ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަރ ސްކޫލް 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީން ހޯދީ ހޮނިހިރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ކެޔޮދޫ ސްކޫލްގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ސީއެޗްއެސްއީން ވަނީ މޮޅަށް ކުޅެ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ސީއެޗްއެސްއީ އަށް ލީޑު ނަގައިދިނީ މުޙައްމަދު ފައިޒާން ފަޒީންއެވެ. ކެޔޮދޫ ސްކޫލްގެ އޭރިޔާ ތެރެއިން ފައިޒާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އަޙުމަދު ޔަޒީން މަހުދީއެވެ. ސީއޗްއެސްއީގެ ތިން ވަނަ ލަނޑު ވެސް ޖެހީ ފުރަތަމަ ލަނޑު ޖަހައިދިން ފައިޒާންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީއެޗްއެސްއީގެ ހަތަރު ވަނަ ލަނޑު ޖެހީ ޢަބްދުﷲ ޝަޔާންއެވެ. މެޗުގައި ކެޔޮދޫ ސްކޫލްގެ ހަމައެކަނި ލަނޑު ޖެހީ 68 ވަނަ މިނެޓުގައި ޝާއިގު އާދަމް މުޙައްމަދުއެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވުނީ ކެޔޮދޫ ސްކޫލެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ސީއެޗްއެސްއީގެ އަޙުމަދު ސުޒައިރުއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންޔެރިޔަކީ އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުޙައްމަދު އައިހަމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެމްޕިއަން ސީއެޗްއެސްއީގެ ދައްޔާން އަޙުމަދުއެވެ.
މިއީ ސީއެޗްއެސްއީން އިންޓަރ ސްކޫލް މުބާރާތުގެ ތަށި ކާމިޔާބު ކުރި ދެ ވަނަ ފަހެރެވެ. މީގެ ކުރިން 2001 ވަނަ އަހަރު އޮތް މުބާރާތް ވެސް އެ ސްކޫލުން ވަނީ ކާމިޔާބުކޮށްފައެވެ. އެއަހަރުގެ ފަހުން ސީއެޗްއެސްއީ އަށް މުބާރާތް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. 2001 ވަނަ އަހަރު ސީއެޗްއެސްއީން މުބާރާތް ކާމިޔާބު ކުރުމުގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އަދި މިހާރުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤު (ޓޮމް) ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މިއަހަރުގެ މުބާރާތުގައި ވަނީ ފަސް ޓީމަކުން ވާދަކޮށްފައެވެ. އެއީ ސީއެޗެއެސްއީ، ކެޔޮދޫ ސްކޫލް، އަޙުމަދިއްޔާގެ އިތުރުން ޢަރަބިއްޔާ ސްކޫލް އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްއެވެ.