ގދ. ނަޑެއްލާއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ގދ. ނަޑެއްލާގެ ކައުންސިލް މެމްބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އެ ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި އަލުން ރަށަށް ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެ ވަގުތެއް ސީދާ ދަންނަވަން ދަތިކަމަށެވެ.
އަލީ ނިޔާޒު އިތުރަށް ވިދާޅުވީ ރަށުގައި 2 ޖަނަރޭޓަރު ހުންނައިރު ދެ ޖަނަރޭޓަރުގައިވެސް މައްސަލަ ޖެހިފައިވާ ކަމަށާއި ތިނަދޫއިން ޓެކްޓިކަލް ޓީމެއް އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުކަމުގެ މައުލޫމާތު އެ ކޯޕަރޭޝަންއަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ގދ. ނަޑެއްލާއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހެނދުނު ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއްކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގެ ތެޔޮ ބަދަލުކުރުމަށް އިންޖީނު ނިއްވާލުމަށްފަހު އިންޖީނު ސްޓާޓް ނުވުމާއި ގުޅިގެންކަމަށެވެ. އަދި ފެނަކައިގެ ތިނަދޫ ބްރާންޗްގެ ޓެކްޓިކަލް ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ކުރިއަށް އޮތް 2 ގަޑިއިރު ތެރޭ މުޅިރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.
ނަޑެއްލާގައި ހުރި 2 އިންޖީނުގެ ތެރެއިން 83 ކިލޯ ވޯޓުގެ އިންޖީނުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި ނަމަވެސް އެ އިންޖީނުން ކަރަންޓު ފޯރުކޮށްދެވެނީ ރަށުގެ ބައެއް ސަރަހައްދުތަކަށް ކަމަށްވާތީ ރައްޔިތުން އެކަމާ އެއްބަސްނުވުމުން، 150 ކިލޯ ވޯޓުގެ އިންޖީން މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އަހުމަދު ޝަރީފު ވިދާޅުވިއެވެ.