ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 07:23
އާދަމް އާޒިމް
އާދަމް އާޒިމް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އެމްޓީސީސީ
ދާންދޫ ބަނދަރުގެ މަސައްކަތް މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ: އާޒިމް
 
ބަނދަރު ތަރައްްގީކުރުމުން ރަށަށް ލުއިފަސޭހަތަކެއް ލިބޭނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ގއ. ދާންދޫގައި ކުރިއަށްގެންދާ ބަނދަރު ތަރައްްގީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމައި، ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދާންދޫގައި އަލަށް ހިއްކި ބިން އެ ރަށު ކައުންސިލާ ހަވާލުކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަޝްރޫއުތައް ހިންގެވުމުގައި ރަށުގެ އާބާދީއަށް ނުބައްލަވާކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުން ކަމަށާއި، ކޮންމެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކީ އަސާސީ ޚިދުމަތްތައް ލިބޭ ފަސްގަނޑަކަށް ހެއްދެވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ދާންދޫގައި އަލަށް ހިއްކި ބިން ވެގެންދާނީ އެ ރަށުގެ އާ ހަޔާތެއްގެ ފެށުމަކަށް ކަމަށެވެ. އެގޮތުން, އިންޖީނުގެ ހެދުމަށް ބޭނުންވާ ބިންވެސް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިއްކާފައިވާ ކަމަށާއި، ބަނދަރުގެ މަޝްރޫއަކީވެސް ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދާންދޫއަކީ ގުދުރުތީގޮތުން ފަސްގަނޑުތިރި, ސައިޒުން ކުޑަ ރަށެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިހާރު ބިން ފުރި ރަށް ތޮއްޖެހެމުން ދާއިރު، ރައްޔިތުން މޫދަށް އެރޭނެ ގޮނޑުދޮށެއްވެސް ނެތްކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން މޫދަށް އެރޭނަމަ ދާން ޖެހޭނީ ކައިރީގައި އޮންނަ ނިލަންދުއަށްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އަލަށް ހިއްކި ބިމާއެކު އެކަމަށްވެސް ހައްލު ލިބި ރަށުގެ ރައްޔިތުންނަށް މޫދަށް އެރޭނެ ޖާގަވެސް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ދާންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 ޖެނުއަރީ 2022ގައެެވެ.

މި މަޝްރޫއުގެ ދަށުން 81404 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 90 މީޓަރުގެ ކުރީގެ ބޭރު ތޮށި ނެގުމާއި، 333.20 މީޓަރުގެ ސަރަހައްދެއްގައި އައު ބޭރުތޮއްޓެއް ލުން ހިމެނެއެވެ. އަދި ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 74.4 މިލިއަން ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް