ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާދެއްވި ފަހުން އޭނާއަށް ސަރުކާރުން އެއްވެސް މުސާރައެއް އަދި އެލަވެންސެއް ދީފައި ނުވާކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ، އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާ ޕީއެޗްޑީއަށް ކިޔަވާވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އޭނާގެ ދިރިއުޅުއްވުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ، އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އިތުބާރު ހުރިގޮތަކަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ޔުމްނާ ގެންދަވަނީ ދެ ޕްރޮޖެކްޓެއްގައި ކޮންސަލްޓެންސީގެ މަސައްކަތްކުރައްވަމުންނެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާގޮތުގައި، އޭގެ ތެރެއިން އެއް މަސައްކަތަކީ ބިޑްކޮށްގެން ހުޅުވާލައިގެން ކުރިއަށްދިޔަ މަރުހަލާ ކާމިޔާބުކުރައްވައިގެން ޔުމްނާ ހޯއްދެވި މަސައްކަތެކެވެ. އެއީ ޖެންޑަރ މިނިސްޓްރީގެ ޖެންޑަރ ޓްރެއިނިންގ މެނުއަލް ރިވިއުކުރުމުގެ މަސައްކަތެވެ. މިއީ 54 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މަސައްކަތަކަށް ވާއިރު، އެ މަސައްކަތަށް މިހާތަނަށް އައިއިރު ޔުމްނާއަށް އެއްވެސް ފައިސާއެއް ލިބިވަަޑައިގަންނަވާފައި ނުވާކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުވެފައެވެ. މި މަސައްކަތާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއީ ވަޒީފާއެއް ނޫންކަމަށާއި އެއީ ޕޭރޯލް ސްޓާފެއްގެ ގޮތުގައި ކޮށްދެއްވާ މަސައްކަތެއްވެސް ނޫންކަަމަށެވެ. ޔުމްނާ އެ މަސައްކަތް ކުރައްވަން ފެއްޓެވީ ބިޑަށް ކުރިމަތިލައްވައިގެން ކަމަށާއި، އޭނާއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީން ބޭރުން، މިނިވަން އިންޓަރވިއުއެއް ކުރުމަށްފަހު ކަމަށެވެ.
ޔުމްނާގެ ދެވަނަ މަސައްކަތަކީ ޔޫއެންގެ މަސައްކަތެއް ކަމަށާއި، އެ މަސައްކަތާ މިނިސްޓްރީއާ ގުޅުމެއް ނެތްކަން މިނިސްޓްރީގެ އޮފިޝަލް ފާހަގަކުރެއްވިއެވެ. ބައެއް މީޑިއާތަކުން ވަނީ ޔުމްނާ މިހާރު ޕީއެޗްޑީއަށް ރާއްޖެއިން ބޭރުގައި ކިޔަވާވިދާޅުވާން ހުންނަވާކަމަށާއި، އޭނާއަށް ޚާއްސަކޮށް ޖެންޑަރ މިނިސްޓްރީގައި މަގާމެއް އުފައްދާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި ދައުލަތުން އޭނާއަށް ބޮޑު އާމްދަނީއެއް ދެމުން އަންނަކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.