Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 16:13
 އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް
އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް
މުހައްމަދު ޝަރުހާން
އައްޑޫގެ އެކްސިޑެންޓްތައް
އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ
މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްތައް ފަށާނެ
އަންނަ ޖުލައި މަހު ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ނިމޭނެ

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފުލުހުންނާ އެއްކޮށް ވަރަށް އަވަހަށް ފަށާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ސޯދިޤް ވިދާޅުވީ އެކްސިޑެންޓްތައް ދިމާވާން މެދުވެރިވާ ސަބަބުތަކަކީ ގިނަ މަގުތައް އަނދިރިވުން ކަމަށާއި ބްރޭކަރުތައް ހުންނަންޖެހޭ މިންގަނޑަށް ނެތުން ކަމަށާއި ސިގްނަލް ބޯޑުތައް މަގުތަކުގައި މަދުވުން ކަމަށެވެ. އަދި އެއްޗެހި ދުއްވާ މީހުން ސްޕީޑަށް ވުރެ ބާރަށް ވެހިކަލްތައް ދުއްވުމަކީ ވެސް ސަބަބެއް ކަމަށް ވިދާޅުވިއެވެ.

މަގުތައް އަނދިރިވާން ދިމާވާ ސަބަބަކީ މަގުތަކުގައި ލައިޓްތައް މަދުވުން ކަމަށާއި ލައިޓްތައް އެނދުމުން، މަދުން އެއްޗެހި ދުއްވާ މަގުތަކުގައި ހުންނަ ލައިޓްތައްހައުސިން މިނިސްޓްރީގެ ފަރާތުން ނަގައި މީހުން ގިނައިން އެއްޗެހި ދުއްވާ މަގުތަކުގައި ލައިޓްތައް ހަރުކުރުން ކަމަށް ސޯދިޤް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ވަނީ ދާދި ފަހުން ލައިސެންސް ނަގާ ފަރާތްތަކަށް ޑްރައިވިންގް ސުކޫލެއް މެދުވެރިކޮށް ލައިސެންސް ނަގަންޖެހޭ ޤަވާއިދެއް ކަނޑައަޅާފައެވެ. ނަމަވެސް ޤަވާއިދު ކަނޑައެޅިއިރު އައްޑޫ ސިޓީގައި ޑްރައިވިންގް ސުކޫލެއް ނެތުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ އާންމުންނަށް އެލް ބޯޑް ޖަހައިގެން ލައިސަންސް ނެގުމުގެ ފުރުސަތު ދީފައެވެ. މިކަމަކީ ވެސް އެކްސިޑެންޓްތައް ހިންގަން މެދުވެރިވާ ސަބަބަބެއް ކަމަށް މޭޔަރ ސޯދިޤް ޤަބޫލުފުޅުކުރައްވައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބުނީ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްތައް ފަށާނެކަމަށާއި ހިތަދޫގައި ހުރި ފުލުހުންގެ ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށާއި މިއަންނަ ޖުލައި މަހު ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ނިމި ފުލުހުންނާ ޗެކްޕޯސްޓް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

ފުލުހުންވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގާފައެވެ. އަދި މި އޮޕަރޭޝަނުގެ މައިގަނޑު މަޤްސަދަކީ އައްޑޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލައި ފާސްކުރުން ކަމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަންގައި ފުލުހުންވަނީ 315 އުޅަނދު ބަލާ ފާސްކޮށްފައެވެ.

 

   

 

 

  

 

   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް