އަންނަ 2023 ވަނަ އަހަރަކީ މިހިނގާ 2022ށްވުރެ ހޫނު ގަދަވާނެ އަހަރެއް ކަމަށާއި، އަދި ރިކޯޑްކުރެވޭނެ އެންމެ ހޫނުގަދަ އެއްއަހަރަށް ވާނެކަމަށް އިނގިރޭސިވިލާތުގެ މެޓް އޮފީހުން ފޯކާސްޓްކޮށްފިއެވެ. މީގެ އިތުރުން މިއަންނައަހަރުވެސް ދުނިޔޭގެ ހޫނުމިން، އެވަރެޖް ހޫނުމިނަށްވުރެ މަދުވެގެން އެއް ޑިގްރީ ސެންޓިގްރޭޑް މަތީގައި ހުންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
ދުނިޔޭގެ ފިނި ހޫނުމިން ބެލަންސްކޮށްދޭ ގުދުރަތީ ނިޒާމެއް ކަމަށްވާ "ލާނީނާ"ގެ އަސަރުވެސް ތިންއަހަރަށްފަހު މިއަންނަ އަހަރު މާބޮޑަށް ނުފެންނާނެ ކަމަށް އިގިރޭސި މެޓް އޮފީހުން ބުނެއެވެ.
ދުނިޔޭގެ ހޫނުމިން މަތިވަމުންދަނީ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުންނާއި އަދި އިންސާނުންގެ އަމަލުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުންނެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދެލި އަންދައިގެން ހިންގާ އިންޖީނުގެތަކުން އަރާ ދުން މަދުކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުތަކުން ވަނީ ވައުދު ވެފައެވެ. އަދި ތިމާވެއްޓާ ރަހުމަތްތެރި ހަކަތައިގެ ބާވަތްތަކަށް ބަދަލުވުމުގެ މަސައްކަތް ވަނީ ގިނަ ގައުމުތަކަކުން ފަށާފައެވެ.
ދުނިޔޭގެ ހޫނުމިން ބޮޑަށް މައްޗަށް ދާން ފެށީ 1750ން 1900 ށް ކުރިއަށްދިޔަ އިންޑަސްޓްރިއަލް ރިވޮލިއުޝަންގެ ތެރެއިން ފޮސިލްފިއުލް ބޭނުންކުރަން ފެށި ހިސާބުންނެވެ. 1850ގައި ރިކޯޑް ބަލަހައްޓަން ފެށި ފަހުން އެންމެ ހޫނުގަދަ އަހަރެއްކަމަށް ރިކޯޑް ކުރެވިފައިވަނީ 2016 ވަނައަހަރު ކަމަށް ވެއެވެ. މިހެން ދިމާވީ މޫސުމީ "ފިނޯމެނަން" އަލްނީނޯގެ ސަބަބުންނެވެ. އަލްނީނޯއަކީ ލަނީނާގެ އިދިކޮޅު އަސަރު ފެންނަ ގުދުރަތީ ނިޒާމެކެވެ. ލަނީނާގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ފިނިވާއިރު، އަލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެސްވެއެވެ. އަދި މިކަމުގެ ސަބަބުން މުރަކަފަދަ ގަލުގައި ހުންނަ ދިރުން މަރުވެ ގައު ހުދުވާންވެސް ދިމާވިއެވެ.
2022ވަނަ އަހަރު ދުނިޔޭގެ އެތައް ހިސާބުތަކެއްގައި ހޫނުމިން އާދަޔާޚިލާފަށް މައްޗަށް އަރާފައި ވެއެވެ. މިގޮތުން އިނގިރޭސިވިލާތުގެ ހޫނުމިން 40 ޑިގްރީއަށްވުރެ މައްޗަށްގޮސް، ގަސްކަރައިގައި ރޯވާ ހިސާބަށް ހޫނުމިން މައްޗަށް ގޮސްފައިވެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން، އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ ބައެއްހިސާބުތަކާއި އަދި އޮސްޓްރޭލިޔާގައިވެސް ޖަންގަލިތަކުގައި ރޯވެފައި ވެއެވެ. ޕާކިސްތާނާއި އިންޑިޔާގެ ހޫނުމިން 51 ޑިގްރީއަށްވެސް އަރާފައިވެއެވެ.
ދުނިޔޭގެ ހޫނުމިން މައްޗަށް ދާނަމަ އިންސާނުންނާއެކު އެހެން ދިރޭތަކެއްޗަށްވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެއެވެ. މިގޮތުން ހަނަފަސްކަން އިތުރުވުމާއި އާދަޔާޚިލާފަށް ހޫނުވުމުން ސިއްހަތަށް ލިބޭ ގެއްލުންތައް ހިމެނެއެވެ.
މައުލޫމާތު : ބީބީސީ ސައިންސް ރިޕޯޓް