ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 21:15
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
އިކޮނޮމިކް މިނިސްޓްރީ
ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުން
ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރެވި، ފުރިހަމަ މައުލޫމާތު ލިބިގެން އެ ސިޔާސަތުތައް އެކުލަވާލުން މުހިއްމު - ފައްޔާޒް
 
އީ.އާރް.ސީ.ގެ ތެރެއިން މި މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެ

ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރެވި، ފުރިހަމަ މައުލޫމާތު ލިބިގެން އެ ސިޔާސަތުތައް އެކުލަވާލުން މުހިއްމުކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، އިކޮނޮމިކް ރިސަރޗް ސެންޓަރ (އީ.އާރް.ސީ) އިފްތިތާހުކުރުމުގެ ހަފްލާގައެވެ.

މިނިސްޓަރ ވަނީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރެވި، ފުރިހަމަ މައުލޫމާތު ލިބިގެން އެ ސިޔާސަތުތައް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރިނަމަވެސް، ގިނަ މައުލޫމާތެއް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫންކަމާއި، އީ.އާރް.ސީ.ގެ ތެރެއިން މި މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ސެންޓަރު ގާއިމްކުރެވިގެން ދިޔައީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްއާ މިނިސްޓްރީއާ ދެމެދު ފެބުރުވަރީ 2022ގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގައެވެ. އިކޮނޮމިކް ރިސަރޗް ސެންޓަރުގެ އަމާޒަކީ، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގު ފަހިކޮށްދިނުމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުމެވެ.

މި ސެންޓަރުގެ މަސައްކަތް ޚާއްސަކުރެވިފައިވަނީ، ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުމަށެވެ. އީ.އާރް.ސީ.ގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާ ދިވެހި ރައްޔިތުންނާ މެދު އިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށްވުމެވެ.

އީ.އާރް.ސީ.ގެ މަސައްކަތް ފެށިގެން މިދިޔައީ މިނިސްޓްރީގެ މޭންޑޭޓާއި އެއްގޮތަށް ވިޔަފާރި، އިންވެސްޓްމަންޓް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ވަޒީފާގެ ބާޒާރާބެހޭ ދިރާސާތަކުންނެވެ. ކުރިއަށް އޮތް ތަނުގައި، އެހެނިހެން ދާއިރާތަކަށް މި ދިރާސާތައް ފުޅާކުރުމަށްވެސް ރާވާފައި ވެއެވެ. މި ދިރާސާތަކުން، އިގްތިސާދަށް އަންނަ ލޮޅުންތަކާއި އިގްތިސާދު ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި ގިންތި އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އިލްމީ ބަހުސްތަކަށް މަގުފަހިވެގެން ދާނެއެވެ.

ހަމައެހެންމެ، އީ.އާރް.ސީ.ގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރ، އެކަޑީމިއާ، މަދަނީ ޖަމްއިއްޔާ އަދި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅިގެން، ތަފާސް ހިސާބުތަކަށް ދޭ އަހަމިއްޔަތުކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އިނޮކޮމިކް ރިސަރޗް ސެންޓަރުން ކުރިއަށް ގެންދިޔަ ދިރާސާއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ލޭބަރ މާރކެޓް ޑައިނަމިކްސްއިން ޕޯސްޓް ޕެންޑަމިކް ޓައިމްސް" ދިރާސާ ކަރުދާސް އީ.އާރް.ސީ. ވެބްސައިޓުގައި ޝާއިއުކުރެވުނެވެ. މި ދިރާސާގައި، އިގްތިސާދުގެ އެކިއެކި ދާއިރާތަކުގައި ކޮވިޑް-19ގެ ކުރިން ވަޒީފާތައް ހުރި ގޮތާއި ކޮވިޑްގެ ކާރިސާގެ ފަހުން، ވަޒީފާގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާއި ވަޒީފާ ބާޒާރުގެ ވިލުންވެރިކަމާއި އިއާދަވަމުންދާ މިންވަރަށް ތަފްސީލްކޮށް ބަލައިލެވިފައިވާނެއެވެ.

އީ.އާރް.ސީ ހުޅުވުމުގެ ރަސްމިއްޔާތުގައި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ވާހަކަފުޅުގައި އިކޮނޮމިކް ރިސަރޗް ސެންޓަރގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މުހިއްމު ސިޔާސަތުތައް އެކުލަވާލުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރިއެވެ. އަދި މިސެންޓަރުގެ ސަބަބުން ކުރިއަށް އޮތް މުސްތަގްބަލުގައި ދިވެހިރާއްޖޭގެ ހިންގުންތެރިކަން ހަރުދަނާވެ، އޭޝިއާ ޕެސިފިކްގެ އެހެން ގައުމުތަކާ ފައި ހަމަކުރުމަށް ބޭނުންވާ ގާބިލިއްޔަތުކަން އިތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށްވެސް ހާމަކުރެއްވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ތަރައްގީގެ އެޖެންޑާއާއި "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" (އެސް.ޑީ.ޖީ) ހާސިލްކުރުމަށް މިނިސްޓްރީން ކުރަމުންދާ ކަންކަމުގައި ދެ ފަރާތުގެ އެއްބާރުލުން އިތުރުކޮށް، ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް