ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 13:38
ނިޝާމާ މުހައްމަދު
ނިޝާމާ މުހައްމަދު
ސޯޝަލް މީޑިއާ
ނިޝާމާގެ މަރުގެ މައްސަލަ
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ އަވައްޓެރި އިންޑިއާއަށް

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.

ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ އަވައްޓެރި އިންޑިއާއަށެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވާއިރު، އޭނާގެ ހަށިގަނޑު އެރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. އަދި ހަށިގަނޑު މާލެ ގެނެސްފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަން ފުލުހުން ހާމަކުރީ އާއިލާއާއެކު ފުލުހުން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

ނިޝާމާގެ މަރާގުޅިގެން އޭނާގެ ފިރިމީހާ، އދ. ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ 15 ދުވަހަށް ބަންދުކޮށްފައި ވަނިކޮށް ވަނީ އަމިއްލައަށް ދަންޖެހެން މަސައްކަތް ކޮށްފައެވެ. އޭނާ މަރުވީ ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޝާމާގެ މަރާގުޅިގެން އޭނާގެ ފިރިމީހާއަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިފައެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާ ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭއިރު ނިޝާމާގެ ހަށިގަނޑު ދުށްމީހަކާ ހަވާލާދީ "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިން މީހަކު ބުނީ، މަރުވެފައި އޮތްއިރު ނިޝާމާގެ ހަށިގަނޑުން ޒަޚަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަޚަމްގެ ނިޝާންތައް ފެންނަން ހުރިކަމަށް ވަނީ ބުނެފައެވެ.

އަދި މީގެ ކުރިންވެސް ނިޝާމާއަށް އޭނާގެ ފިރިމީހާ އަނިޔާކުރާ ކަމަށާއި، އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށްވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

- ކޮމެންޓް