Advertisement
ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 19:00
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
އީސީގެ ދެ އިމާރާތަކުން ވައްކަން ކުރުން
އީސީގެ ދެ އިމާރާތަކުން ވައްކަންކުރުން: "ބޮޑު އިންތިޚާބެއް ބާއްވާއިރު އެކަމުގެ އަސަރުކުރާނެ"
އަރަބިއްޔާގެ ބައު އިމާރާތުން 11 ޔޫޕީއެސްއާއި 65 އިންޗީގެ ދެ ޓީވީއާއި 2 ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ގެންގޮސްފައިވޭ
ފުލުހުން ދަނީ މި ދެ މައްސަލަ ތަހުގީގުކުރަމުން

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ސެކިޔުރިޓީ ރޫމަށް އިމާރާތުގެ ބޭރުން ވަދެ ފަޅާލައި، އަރަބިއްޔާ ސްކޫލްގެ ބައު އިމާރާތުގައި ހުންނަ އީސީގެ ގުދަނެއް ފަޅާލުމާގުޅިގެން، ބޮޑު އިންތިޚާބެއް ބާއްވާއިރު އެކަމުގެ އަސަރު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ރާއްޖެ އެމްވީ"ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން ހުންނަ އިމާރާތުގައި ހުންނަ އީސީގެ ސެކިޔުރިޓީ ރޫމް ފަޅާލާފައިވަނީ ނޮވެމްބަރ 30 ވަނަ ދުވަހު ކަމަށާއި، އެތަނަކީ އެންމެ ރަނގަޅަށް އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ އެއް ތަން ކަަމަށެވެ.

ސެކިޔުރިޓީ ރޫމް ފަޅާލިއިރު އެތަނުގައި އެއްވެސް އިންތިޚާބަކާ ގުޅުންހުރި ލިޔެކިޔުމެއް، އަދި އިންތިޚާބަކާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރިއަށްނުދާކަމަށް އީސީން ބުނެއެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓްބުކް ގެއްލިފައިވުމުގެ އިތުރުން، އެތަނުގައި ހުރި އެއްވެސް އެއްޗެއް އަޅާފައި ނެތް ބައު ތިޖޫރީއަކަށް ގެއްލުންދީފައިވާކަމަށް އީސީން ބުނެއެވެ. ސެކިއުރިޓީ ރޫމަށް ވަދެފައިވަނީ އެ އިމާރާތުގެ ބިއްދޮށު ދޮރާށިން ކަމަށާއި، އެތަނަށް ވަތްކަމަށް ބެލެވެނީ ފަހަތުގައި އޮތް ހުސްބިމަށް ވަދެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އޭގެ ފަހުން ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި ހުންނަ އީސީގެ ގުދަން ފަޅާލީ ޑިސެމްބަރ 10 ވަނަ ދުވަހު ކަމަށް ފުއާދު ވިދާޅުވިއެވެ. އަރަބިއްޔާގެ ބައު އިމާރާތުން 11 ޔޫޕީއެސްއާއި 65 އިންޗީގެ ދެ ޓީވީއާއި 2 ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ އިމާރާތުގެ 12 ކްލާސްރޫމްގައި އެ ކޮމިޝަންގެ މުދާތައް ބަހައްޓާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

މިދެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެކަން ފުލުހުން އަންނަނީ ބަލަމުންކަމަށާއި މައްސަލައާ ގުޅުންހުރި ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. މި ދެ ހާދިސާ ހިނގި އިމާރާތްތައް ހުންނަ މަގުތަކަކީ ބާރުބޮޑު މަގުތަކަށް ވީނަމަވެސް، އެފަދަ ކަމެއް ހިނގިކަން އެއްވެސް ފަރާތަކުން އެ ކޮމިޝަންގެ ސަމާލުކަމަށް ނުވަތަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ނުވާކަމަށް ފުއާދު ވިދާޅުވިއެވެ. އެ ދެ އިމާރާތަކީވެސް ސެކިއުރިޓީ ބަލަހައްޓަމުން އައި ތަންތަން ކަމަށާއި، މި ހާދިސާއާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްދިނުމަށް ފުލުހުންގެ ކިބައިންވެސް އެދިފައި ވާނެކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީން ބުނީ މީގެކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކާއި އަދި މި ދެ ހާދިސާއާ ގުޅިގެން ކޮމިޝަނުން ފުލުހުންގެ ޚިދުމަތާ ބައްދަލުކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުނުވާނެހެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވަނީ މަޝްވަރާކުރެވިފައިކަމަށެވެ. އަދި މި ހާދިސާތަކާ ގުޅިގެން، ކުރިއަށް ހުރި އިންތިޚާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކޮމިޝަންގެ މަސައްކަތްތައް ހިނގާ އިމާރާތްތަކުގެ ސެކިޔުރިޓީ ކަންކަންކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، ސެކިޔުރިޓީ ވަރުގަދަކުރުމަށް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެކަމަށް އީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް