ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 11:09
ޒިނެދީން ޒިދާން
ޒިނެދީން ޒިދާން
ޓްވިޓަރ
ޒިދާން
ފްރާންސްގެ ކޯޗުކަމުގެ ވަޒީފާ ނުލިބިއްޖެނަމަ ޒިދާން ކުލަބަކާ ހަވާލުވާނެ
 
ފްރާންސް އިން ގޮތެއް ނިންމުން ލަސްވާނަމަ، ޒިދާން އޭނާގެ ޚިޔާލު ދޫކޮށް، އަލުން ކުލަބް ފުޓުބޯޅަ އަށް އެނބުރި ގަންނާނެ

ފްރާންސް ޤައުމީ ޓީމުގެ ކޯޗުކަމުގެ ވަޒީފާ ނުލިބިއްޖެނަމަ ޒިނެދިން ޒިދާން އެނބުރި ކުލަބް ފުޓުބޯޅަ އަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ފްރާންސް ބަލިވުމުން ކޯޗުކަމުގައި ހުރި ޑިޑިއޭ ޑެޝޯމްޕްސްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދުނެވެ. ޑެޝޯމްޕްސް ބުނީ މަގާމުން ދުރަށް ދިޔުމާއި، ނުދިޔުން ބިނާ ވާނީ އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ފްރާންސްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޒިދާން މިހާރު ބޭނުންވަނީ ޤައުމީ ޓީމަށް އިރުޝާދު ދިނުމަށެވެ. ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވެސް ޒިދާން ހޯދަން މަސައްކަތް ކުރި ކަމަށާއި، އެ މަސައްކަތް ކާމިޔާބު ނުވީ ޒިދާން ޤައުމީ ޓީމަށް ޝައުޤުވެރިކަން ހުންނާތީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި 1998 ވަނަ އަހަރު ފްރާންސް އަށް ވޯލްޑް ކަޕް ހޯދައިދީ، އަދި ކޯޗެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްދިން ޑެޝޯމްޕްސް މަޤާމު ދޫކޮށްލައިފިނަމަ، ނުވަތަ މަޤާމުން ވަކިކޮށްފިނަމަ، ބަދަލުގައި އެ މަގާމަށް އައުން އެންމެ ގާތީ ޒިދާން ކަމަށް ވެސް މީޑިއާތަކުގައި ބުނެފައިވެއެވެ.

ފްރާންސްގެ ޑެއިލީ ނޫހެއް ކަމުގައިވާ އެލް އެކުއިޕްގައި ބުނެފައިވާ ގޮތުން ފްރާންސް އިން ގޮތެއް ނިންމުން ލަސްވާނަމަ، ޒިދާން އޭނާގެ ޚިޔާލު ދޫކޮށް، އަލުން ކުލަބް ފުޓުބޯޅަ އަށް އެނބުރި ގަންނާނެއެވެ. ނަމަވެސް ޤައުމީ ޓީމަށް ކޮންމެ ވެސް ދުވަހަކުން އިރުޝާދު ދިނުމަށް ޒިދާން ބޭނުންވާނެ ކަމަށެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ފްރާންސްއާއެކު ވޯލްޑް ކަޕް އުފުލާލި ޒިދާން ދާނީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ލީގަކަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ. އެގޮތުން ޒިދާން ހަވާލުވުން ގާތީ އިޓާލިއަން ލީގު، ސްޕެނިޝް ލީގު ނުވަތަ ޕްރިމިއާ ލީގުގެ ޓީމަކާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އިޓާލިއަން ލީގުގެ ޔުވެންޓަސްއާ ހަވާލުވުމުގެ ޝައުޤުވެރިކަން ޒިދާން ގެންގުޅު ކަަމަށާއި، ނަމަވެސް އެކުލަބުގެ ވަޒީފާ ލިބެން ނެތުމުން އެ ވިސްނުން ދޫކޮށްލި ކަމަށެވެ.

ޒިދާން އަކީ ކުލަބް ފުޓުބޯޅައިގައި ކާމިޔާބު ކޯޗެކެވެ. އޭނާގެ ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ޖެހިޖެހިގެން ތިން ފަހަރަށް ޔުއެފާ ޗެމްޕިއަން ލީގު ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ޒިދާން ހުރީ ވެސް އެ ޓީމުގެ ކޯޗު ކަމުގައެވެ. އެއީ 2019 އިން 2021 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
67%
0%
0%
ކޮމެންޓް