ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 21:50
މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ރާއްޖެއެމްވީ
ރިޔާސީ ޕްރައިމަރީ
ރައީސް ނަޝީދަށް 500 މެމްބަރުންގެ ތާއީދު ލިބިއްޖެ، ޓާގެޓަކީ 5،000 މެމްބަރުން: ބޮންޑާ
ލޮރީ ބުރާއި، ތާއީދު ފޯމް ފުރުމުގެ ހަރަކާތްތައް ވަނީ ފަށާފައި
މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ ޑިސެމްބަރު 24 ވަނަ ދުވަހު

ކުރިއަށްއޮތް ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރުމަށް ބޭނުންވާ 500 މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށް, މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ބޮންޑާ މިފަދައިން ވިދާޅުވީ، ރައީސް ނަޝީދުގެ ތާއީދު ފޯމު ފުރުމުގެ ހަރަކާތުގެ ތެރެއިން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އެއާއެކު ލޮރީ ބުރާއި، ތާއީދު ފޯމް ފުރުމުގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު 2022ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. ބޮންޑާ ވިދާޅުވީ ފޯމު ފުރުމަށް ލިބިފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. ދެ ދުވަސް ތެރޭގައި ފޯމުތައް ފުރާ ނިންމަންޖެހޭ ކަމަށާއި، އެހެންނަމަވެސް ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާވަރަށް މެމްބަރުން ހަމަވެފައިވާކަމަށެވެ. މިހާރު މަސައްކަތްކުރަނީ 5،000 ފޯމު ފުރުމަށްކަމަށް ބޮންޑާ ވިދާޅުވިއެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ، މަގުސަދަކީ ދިވެހި ރައްޔިތުންނަށް އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދޭން އެމްޑީޕީން ކެންޑިޑޭޓެއް ނެރުން ކަމަށާއި، ރައީސް ނަޝީދަށް އޮތް ތާއީދު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ވާދަވެރި އިންތިޚާބެއްގެ ތެރެއިން މިކަން ކުރަން ބޭނުންވާކަމަށާއި، އެހެންނަމަވެސް ވާދަވެރި އިންތިޚާބެއް ނުލިބޭނެ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

- ކޮމެންޓް