ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 16:51
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަން
އެމްއެމްޕީއާރުސީ ވެސް އަންނަ އަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އުންމީދުގައި
މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގޮންޖެހުންތައް ގިނަ އަހަރެއް
އަންނަ އަަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައި

ސަރުކާރުން އުންމީދުކުރާ ފަދައިން, މޯލްޑިވްްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީން ވެސް އުންމީދުކުރަނީ އަންނަ އަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އައުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

2022 ވަނަ އަހަރު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގޮންޖެހުންތައް ބޮޑު އަހަރެއް ކަމަށެވެ. އެގޮތުން އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން، ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ގޮންޖެހުންތައް ދިމާވިކަަން ތޮއްޔިބް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ކަންކަމުން އަރައިގަނެ މި އަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް އެމްއެމްޕީއާރުސީން މަސައްކަތްކޮށްފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަމުން ސަރުކާރުން ވަނީ، އަންނަ އަަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާކަން ހާމަކޮށްފައެވެ. އެކަމާގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުގެ ޖަވާބުގައި ތޮއްޔިބް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާ ޓާގެޓްތައް ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ އަމާޒާ ހަމައަށް ރާއްޖެ ގެންގޮސްދިނުމަށް މަސައްކަތްކުރަން އެމްއެމްޕީއާރުސީ އޮންނާނީ އަބަދުވެސް ތައްޔާރަށްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަންނަ އަހަރުވެސް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ދެއްވާ ކޮންމެ ޓާގެޓެއްވެސް އަޅުގަނޑުމެން ފަށާނީ އުންމީދާއެކު، ރޭވުންތެރިކަމާއެކު. ދެން މިވަގުތު އަޅުގަނޑުމެންގެ ޓާގެޓް ހާސިލްވާނެއޭ، ނުވާނެއޭ އެގޮތަކަށް ނުދަންނަވާނަން. އަޅުގަނޑުމެން ރައީސް އެހެން ވިދާޅުވުމާއެކު މަސައްކަތް ފަށައިގަންނަނާނަން. އިރާދަކުރެއްވިއްޔާ ވާނެ.
ތޮއްޔިބް

ތޮއްޔިބްގެ ވާހަކަފުޅުގައި، ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށް ބަލާއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ މާކެޓާ ނުލައި ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ތޮއްޔިބް ވަނީ ފާހަގަކުރައްވާފައެވެ. އެމްއެމްޕީއާރުސީން ދަނީ ރާއްޖެއިން ބޭރުގައި ރާއްޖޭގެ މާކެޓް އިޝްތިހާރުކޮށް، އާ މަންޒިލްތަކުން ރާއްޖެއަށް ފަތުުރުވެރިން ގެނައުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި ރިސޯޓްތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްވެސް އެމްއެމްޕީއާރުސީން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް