ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 12:15
ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުން ކުޅުނު މެޗެއްގެ ތެރެއިން
ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުން ކުޅުނު މެޗެއްގެ ތެރެއިން
ވީއޭއެމް
ވީއޭއެމް
ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގައި ނުބޭއްވޭ
 
މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު

އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ނުބޭއްވޭނެކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ މިދިޔަ އަހަރުއެވެ. އެއީ ބަންގްލަދޭޝްގައި ބޭއްވި އޭވީސީ އަަދި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝާން (ކާވާ)ގެ ބައްދަލުވުމުގައެވެ. ރާއްޖޭގައި ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މުބާރާތް ރާއްޖޭގައި ނުބޭއްވޭނެކަން ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފައެވެ.

ވީއޭއެމުން މައުލޫމާތު ދެމުން ބުނީ ރާއްޖޭގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު މުބާރާތް ބޭއްވެން ނެތް ކަމަށެވެ. ސަބަބަކީ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު މަދުވުމުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން ބައެއް ޤައުމުތަކުގައި މުބާރާތްތަކެއް ކުރިއަށް ދާތީވެ، މާލީ ދަތިކަމުގެ ސަބަބުން ބައެއް ޤައުމުތަކަށް ބައިވެރިވެވެން ނެތީ ކަމުގައެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދާދި ފަހުން ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު ވަނީ ސައޫދީ އަރަބިއާ އަށް ތަމްރީނު ދަތުރެއްކޮށްފައެވެެ. އެއީ ސައޫދީ ސަރުކާރާއި ކުރެވުނު މަޝްވަރާގެ ތެރެއިން ޔޫތު މިނިސްޓްރީން ރާއްޖެ އަށް ހޯދައިދިން ފުރުސަތެކެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ސެންޓްރަލް ޒޯން ފިރިހެން މުބާރާތް ބާއްވާފައެވެ. މީގެ އިތުރުން އެ އަހަރު ވަނީ ބައިނަލްއަޤުވާމީ އަންހެން މުބާރާތެއް ވެސް ބާއްވާފައެވެ. ރާއްޖެ އިން މިއަހަރު ވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) ބީޗް ޕްރޯ ޓުއާގެ މުބާރާތެއް ހޯސްޓުކޮށްފައެވެ.

ކޮމެންޓް