ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 09:02
ޖޮނީ ޑެޕް އާއި އެމްބާ ހާޑް
ޖޮނީ ޑެޕް އާއި އެމްބާ ހާޑް
ރޮއިޓާސް
ޖޮނީ ޑެޕްގެ ޝަރީއަތް
ޝަރީއަތް އަލުން ކުރިއަށް ނުގެންގޮސް، ޑެޕަށް 1 މިލިއަން ޑޮލަރު ދޭން އެމްބަރ އެއްބަސްވެއްޖެ
 
އެމްބަރ ބުނާ ގޮތުގައި އޭނާ އެގޮތަށް ނިންމީ އެމެރިކާގެ ޤާނޫނީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާތީ
 
ކޯޓަށް ވެއްދި މައްސަލައިގައި ޖޮނީ ޑެޕާ އެއްކޮޅަށް ވަނީ ޝަރީއަތް ނިމިފައި
 
ގެއްލުމުގެ ބަދަލެއްގެ ގޮތުން 15 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހާރޑްގެ މައްޗަށް އަމުރުކޮށްފައިވޭ

ހޮލީވުޑްގެ މަޝްހޫރު ފިލްމް ސްޓާރ ޖޮނީ ޑެޕްގެ މައްޗަށް އަބުރުގެ ދައުވާ އަލުން ކުރިއަށް ނުގެންދިއުމަށް އޭނާގެ ކުރީގެ އަންހެނުން އެމްބަރ ހާރޑް ނިންމައިފިއެވެ.

ޖޮނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން އެމްބަރ ހާރޑާ ދެމީހުން އެކަކު އަނެކަކުގެ އަބުރު ކަތިލިކަމަށް ބުނެ ކޯޓަށް ވެއްދި މައްސަލައިގައި ޖޮނީ ޑެޕާ އެއްކޮޅަށް ވަނީ ޝަރީއަތް ނިމިފައެވެ.

އަދި ކޯޓުން ވަނީ އޭނާގެ ނަން ހުތުރުވެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 15 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހާރޑްގެ މައްޗަށް އަމުރުކޮށްފައެވެ.

އަނެއްކޮޅުން އެމްބަރގެ ނަން ހުތުރުވިކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެން އޭނާއަށްވެސް 2 މިލިއަން ޑޮލަރު ޖޮނީޑެޕް ދޭންޖެހޭކަމަށް ކޯޓުން ނިންމާފައިވެއެވެ.

އެމްބަރ ވަނީ ސެޓެލްމަންޓެއްގެ ގޮތުގައި ޑެޕްއަށް 1 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އެކަން ޑެޕްގެ ވަކީލުން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު އެމްބަރ ވަނީ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ހުށައަޅާފައެވެ. އެގޮތުން އޭނާ އެދިފައިވަނީ، ޖޫރީގެ ނިންމުން ބަދަލު ކޮށްދިނުމަށާއި، ނޫން ނަމަ، އަލުން އަބުރުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

އެމްބަރ ބުނާ ގޮތުގައި އޭނާ އެގޮތަށް ނިންމީ އެމެރިކާގެ ޤާނޫނީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާތީއެވެ. އެގޮތުން މި މައްސަލައިގައި އެންމެ ބޮޑު ވަރަކަށްވެސް ވާނެ ކަމަކީ ޝަރީއަތް އަލުން ކުރިއަށް ގެންދަން ނިންމުންކަން ފާހަގަކޮށް އެމްބަރ ބުނީ، އެކަމަށް އޭނާ ތައްޔާރެއް ނޫން ކަމަށެވެ.

ވުމާއެކު، ޑެޕާއެކު ސެޓަލްމަންޓަކަށް އައިސް އޭނާ ވަނީ 1 މިލިއަން ޑޮލަރު ދެއްކުމަށް މިހާރު ނިންމާފައެވެ.

މި ދެ ތަރިންގެ މައްސަލަ ފެށުނީ 2018 ވަނަ އަހަރު އެމްބަރ ހާރޑް މަޝްހޫރު ނޫސް ވޮޝިންގޓަން ޕޯސްޓަށް ދިން ބަޔާނެއްގައި، އޭނާއަކީ ގެވެށިއަނިޔާ ލިބުނު އަންހެނެއްކަމަށް ބުނުމާގުޅިގެންނެވެ. އެބަޔާނާ ގުޅިގެން ޑެޕްގެ އަބުރަށް ހުތުރު އަރާފައިވާކަމަށް ބުނެ، އެކަމުގެ ބަދަލު ހޯދުމަށް ޖޮނީ ޑެޕް މައްސަލަ ކޯޓަށް ވެއްދިއެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ހަތް ހަފްތާއެއްހާ ދުވަހު ކުރިޔަށް ދިޔަ ޝަރީއަތުގެ އަޑުއެހުންތައް ވަނީ 3 މިލިއަނެއްހާ މީހުން އޮންލައިންކޮން ބަލާފައެވެ. 

ޖޮނީ ޑެޕަށް ވަނީ، އޭނާ 14 އަހަރުވަންދެން ލޯބިވެގެން އުޅުނު ފަރަންސޭސި އެކްޓްރެސް އަދި ލަވަކިއުންތެރިޔާ ވަނެސާ ޕެރަޑިސްއަށް ދެކުދިން ލިބިފައެވެ. ޖޮނީ ޑެޕާއި އެމްބަރ ހާރޑް ލޯބީގެ ގޮތުން ގުޅި، އަދި ކައިވެނިކުރީ ވަނެސާއާއެކު އޮތް ގުޅުން ރޫޅުމަށްފަހުއެވެ.

ޖޮނީޑެޕާއި އެމްބަރ ހާރޑް ފުރަތަމަ ބައްދަލުވެފައިވަނީ ފިލްމް "ދަ ރަމް ޑައެރީ" ކުޅުމުގެތެރެއިން، 2009 ވަނަ އަހަރުއެވެ. 2012 ވަނަ އަހަރުން ފެށިގެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު، 2015ގައި އެ ދެމީހުން ކައިވެނިކޮށްފައިވެއެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން 2016 ވަނަ އަހަރު ޑެޕް އެދިގެން ކައިވެނި ވަނީ ރޫޅާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް