ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 11:49
މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރި އަދަދަށް މާދަމާ ރާއްޖެއަށް ފަތުރުވެރިން އަންނާނެ
މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރި އަދަދަށް މާދަމާ ރާއްޖެއަށް ފަތުރުވެރިން އަންނާނެ
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަމުގެ ޓާގެޓް
1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ
މިއަހަރު ނިމޭއިރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވޭ
މިއީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ އައި އަދަދާ އެއްވަރުގެ އަދަދެއް
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 2021 ވަނަ އަހަރާ އަޅައިބަލާއިރު 28.8 އިންސައްތަ އިތުރު

މިއަހަރުގެ ރާއްޖެއަށް އަންނަ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. މިއާއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި ޓާގެޓް ހާސިލްވެގެންދާނެއެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ދެންނެވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އިން ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން، ސަގާފީ ހަރަކާތާއެކު ބޮޑުބެރު ޖަހާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ކުޑަ ހަފްލާއެއް ބާއްވާނެ ކަމަށެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ޓާގެޓް ހާސިލްވެގެންދާއިރު، މިއަހަރު ނިމޭއިރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި މިއީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ އައި އަދަދާ އެއްވަރުގެ އަދަދެއް ކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ވޯލްޑް ކަޕް ނިމިފައިވާ ކަމަށާއި، ވޯލްޑްކަޕާއެކު ފަތުރުވެރިން އައި އަދަދަށް ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އަދި ގަތަރު އެއަރވޭސްގެ އިތުރު ފުލައިޓްތައް އަންނާނެކަމަށް ލަފާކުރެވޭ ކަމަށައި، ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 2021 ވަނަ އަހަރާ އަޅައިބަލާއިރު 28.8 އިންސައްތަ އިތުރު ކަމަށެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،590،379 ފަތުރުވެރިންނެވެ. އެހެންކަމުން 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓާ ހަމައަށް ދިއުމަށް ދެން ބޭނުންވަނީ 9621 ފަތުރުވެރިންނެވެ.

އާދިއްތަ ދުވަހު 6804 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މި މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ދުވަހެވެ. ދުވާލެއްގެ މައްޗަށް 5508 ފަތުރުވެރިން މި މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 14.4 އިންސައްތަ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 12 އިންސައްތައެވެ. އަދި ތިންވަނައިގައި ހިމެނެނީ އިނގިރޭސިވިލާތެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާފައި ރިޔާސި ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ، ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ޙާޞިލު ކުރެވިގެން ކަމަށެވެ. 2021 ވަނަ އަހަރަށް އަމާޒުހިފީ، އެއް މިލިއަން ފަތުރުވެރިންނަށް ކަމަށާއި، ނަމަވެސް، އެ އަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ކަމަށެވެ.

އަދި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ރައީސް ވަނި ވިދާޅުވެފައެވެ.

- ކޮމެންޓް
19 ޑިސެންބަރ 2022 | ހޯމަ 13:31
ލާމު
މަދު ބައެއްގެ ޖީބަށް ފައިސާ ވަންނަ، އަދި ރާއްޖޭގައި މިރިސޯޓްތަކުގެ ފައިސާ ދައުރުނުވާ ވިޔަފާރީގެ ވާހަކަތަކުން ލިބޭ އުފަލެއް ނެތް.