އެހެން ފުޓުބޯޅަ ކުޅުންތެރިންގެ ނެތް ހުނަރާއި، ކޮލެޓީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އެބަ ހުރި ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.
ރޮނާލްޑީނިއޯ މިހެން ބުނީ މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާ އިން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. މިއަހަރުގެ މުބާރާތުގައި މެސީ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެކޯޑު ތަކެއް ވެސް ހަދާފައެވެ. އެއީ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާއި، އެއް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި، ގަދަ 16 އާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ މުބާރާތެއްގައި ހޯދި ހަމައެކަނި ކުޅުންތެރިޔަކީ ވެސް މެސީއެވެ.
ރޮނާލްޑީނިއޯ ވަނީ ކުރިން މެސީއާއެކު ސްޕެއިންގެ ބާސެލޯނާއަށް ކުޅެފައެވެ. އެދުވަސް ވަރު ވެސް އެ ދެ ކުޅުންތެރިން ފާހަގަވެފައިވަނީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންގެ ގޮތުގައެވެ. މިއީ މެސީ އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މެސީގެ ކެރިއަރުގައި އޭނާ އަށް މަދުވާ ހަމައެކަނި ތައްޓަކީ ވެސް ވޯލްޑް ކަޕްގެ ތައްޓެވެ.
މެސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މެސީ އަށް އުމުރުން 50 އަހަރު ވަންދެން ކުޅެވޭނެ ކަމަށެވެ. ހަމައެއާއެކު ފުޓުބޯޅަ ކުޅޭ އެހެން ކުޅުންތެރިންނަށް ވުރެ މެސީ އަކީ ހުނަރުވެރި، މޮޅު އަދި ކޮލެޓީ ހުރި ކުޅުންތެރިޔެއް ކަމަށެވެ.
އަހަރެންނަށް ޤަބޫލު ކުރެވޭ ގޮތުގައި މެސީ އަށް އޭނާގެ އުމުރުން 50 އަހަރު ވަންދެން ކުޅެވޭނެ. ސަބަބަކީ، އެހެން ކުޅުންތެރިންގެ ނެތް ކޮލެޓީ އާއި ފެންވަރު މެސީގެ ހުރުން.ރޮނާލްޑީނިއޯ
މެސީގެ ކާމިޔާބާ ގުޅިގެން ކުރީގެ ފުޓުބޯޅަ ލެޖެންޑުންނާއި، މިހާރުގެ ކުޅުންތެރިންގެ އިތުރުން އޭނާއާއެކު އެއް ކުލަބަކަށް ކުޅެފައިވާ ކުޅުންތެރިން އަންނަނީ މެސީ އަށް މަރުޙަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ކުރިން މެސީއާއެކު ބާސެލޯނާ އަށް ކުޅުނު ނޭމާ ޖޫނިއާގެ އިތުރުން އެހެން ކުޅުންތެރިން ވެސް ހިމެނެއެވެ.