ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 09:47
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އާޖެންޓީނާ އަކީ ވަރުގަދަ ޓީމެއް، ފްރާންސް ކުޅުންތެރިންގެ މަސައްކަތް ރަނގަޅު: ޑެޝޯމްޕްސް
 
މެޗު ފެށި ކުޅުންތެރިންގެ ފިޓްނަސްއާ މެދު އޭނާގެ ސުވާލެއް ވެސް އަދި ކަންބޮޑުވުމެއް ވެސް ނެތް

ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ފައިނަލްގައި ފްރާންސްގެ ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ފްރާންސް އިން ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އުނދަގޫ ހާލަތެއްގައި އޮވެ ކަމަށެވެ. ނަމަވެސް އެކަމުން ވެސް އިތުރު ދެރައެއް ލިބޭ ކަމަށެވެ. އޭނާ ބުނީ އެއީ ފުޓުބޯޅަ ކަމަށާއި، ފުޓުބޯޅައިގައި ކަންކަން ހިނގާނީ އެގޮތަށް ކަމަށެވެ. އަދި އިތުރު ވަގުތުގެ ވެސް ފަހު މިނެޓުގައި ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭ ފަދަ ފުރުސަތެއް ލިބުނު ކަމަށެވެ.

ޑެޝޯމްޕްސް ބުނީ ފައިނަލްގައި ފްރާންސް 2-0 އިން ނުވަތަ 3-0 އިން ބަލިވި ނަމަ، އެވަރުގެ ހިތްދަތިކަމެއް ނުލިބޭނެ ކަމަށެވެ. އޭނާ ބުނީ އެވަރަށް މަސައްކަތްކޮށް، ޕެނަލްޓީގައި ބަލިވުމުން ކުރަން ޖެހޭ ހިތާމަ އާއި، ޕެނަލްޓީ އަށް ނުގޮސް ފަރަގަކާއެކު ބަލިވި ނަމަ ކުރާ ހިތާމަ ތަފާތުވާނެ ކަމަށެވެ. އަދި އެ ހާލަތަށް ދިޔަ ނަމަ އޭނާ އަށް ބުނެވޭނީ "ބްރާވޯ އާޖެންޓީނާ" ކަމަށެވެ. ނަމަވެސް އެއީ އޭނާ މިހާރު އާޖެންޓީނާ އަށް މަރުހަބާ ކިޔަން ނުޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޕްރެސްގައި ފްރާންސް ކުޅުންތެރިން ފިޓްނަސްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑެޝޯމްޕްސް ބުނީ، މެޗު ފެށި ކުޅުންތެރިންގެ ފިޓްނަސްއާ މެދު އޭނާގެ ސުވާލެއް ވެސް އަދި ކަންބޮޑުވުމެއް ވެސް ނެތް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ތިބީ 100 އިންސައްތަ ފިޓުކޮށް ކަމަށެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ސެމީ ފައިނަލް މެޗަށްފަހު، ފައިނަލާ ހަމަ އަށް ލިބުނީ އެންމެ ހަތަރު ދުވަސްކަން ފާހަގަކުރަމުން ޑެޝޯމްޕްސް ބުނީ އާޖެންޓީނާ އަށް އެއް ދުވަސް އިތުރަށް ލިބުނު ކަމަށެވެ. ނަމަވެސް އެއީ ދައްކަން ޖެހޭނެ ބަހަނާއެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ކުރިން މެޗުތަކުގައި ފްރާންސްގެ ފަރާތުން ދެއްކި ކުޅުން ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ނުދެއްކުނު ކަމަށާއި، ފުރަތަމަ ހާފު އެހާ ވާދަވެރި ނުވި ސަބަބަކީ ވެސް އެއީ ކަމަށެވެ.

މެޗު ފެށި ކުޅުންތެރިންނާ ގުޅޭ ގޮތުން ބުނާނީ، ކުޅުންތެރިންގެ ފިޓްނަސްއާ މެދު އަހަރެންގެ އެއްވެސް ސުވާލެއް އަދި ކަންބޮޑުވުމެއް ވެސް ނެތޭ. ކުޅުންތެރިން ތިބީ ސަތޭކަ އިންސައްތަ ފިޓުކޮށް. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗަށްފަހު އަހަރަމެންނަށް ލިބުނީ އެންމެ ހަތަރު ދުވަސް. އާޖެންޓީނާ އަށް ވުރެ އެއް ދުވަސް މަދުން. އެކަމަކު ވެސް އެއީ ދެއްކޭނެ ބަހަނާއެއް ނޫން. ކުރިން މެޗުތަކުގައި ދެއްކި ޖޯޝާއި ހިތްވަރު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ނުފެނޭ. އެހެންވެ ފުރަތަމަ ހާފު އެހާ ވާދަވެރި ނުވީ ވެސް.
ޑިޑިއޭ ޑެޝޯމްޕްސް / ފްރާންސްގެ ކޯޗު

މީގެ އިތުރުން ޑެޝޯމްޕްސް ވަނީ މެޗުގެ ފުރަތަމަ ހާފުގައި އޮލީވިއޭ ޖިރޫޑާއި، އޮސްމާން ޑެމްބެލޭ ބަދަލު ކުރި ސަބަބު ވެސް ސާފުކޮށްދީފައެވެ. އޭނާ ބުނީ އެއީ މެޗުގެ ހާލަތަށް ބަލާފައި ގެންނައި ޓެކްޓިކަލް ބަދަލެއް ކަމަށެވެ. ޑެޝޯމްޕްސް ބުނީ ބޭނުންވީ މެޗުގެ ކަންކަން ބަދަލު ކުރަން ކަމަށާއި، އެކަމަށް އައު ކުޅުންތެރިން ބޭނުންވި މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ. އޭނާ ބުނީ ޖިރޫޑާއި ޑެމްބެލޭ އަށް ދެރަވާނެ ކަމެއް ކުރަން އޭނާ ބޭނުންނުވާ ކަމަށާއި، ސަބަބަކީ ކުރީ މެޗުތަކުގައި އެ ކުޅުންތެރިން ދެއްކި ކުޅުން ކަމަށެވެ. ނަމަވެސް ފައިނަލް މެޗުގައި އެ ފެންވަރަށް ނުކުޅެވުނު ކަމަށެވެ.

ފައިނަލްގައި ފްރާންސް ބަލިވީ ޕެނަލްޓީގައެވެ. ފްރާންސްގެ ހަތަރު ޕެނަލްޓީގެ ތެެރެއިން ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. އަނެއް ދެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
18%
9%
9%
18%
0%
45%
ކޮމެންޓް