ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 23:03
ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުން މެސީ އުފާ ފާޅު ކުރަނީ
ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުން މެސީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޕެނަލްޓީގައި ފްރާންސް ބަލިކޮށް، މެސީ އާއި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެން

ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ އާޖެންޓީނާއެވެ. އާޖެންޓީނާ އަށް މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އެއީ ފްރާންސްގެ އޭރިޔާ ތެރެއިން އެންހެލް ޑިމާރިއާ އަށް ފްރާންސްގެ އޮސުމާން ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މެސީގެ މި ލަނޑާއެކު އޭނާ ވެގެންދިޔައީ އެއް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 އާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިއީ 1986 ވަނަ އަހަރުގެ ފައިނަލްގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އާޖެންޓީނާގެ ލީޑު ފުޅާކޮށްދިނީ ޑިމާރިއާއެވެ. އެއީ މެޗުގެ 36 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކަލިސްޓާ ހުރަސްކޮށްދިން ބޯޅައެއް ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްގެ އަތް ދަށުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ 41 ވަނަ މިނެޓުގައު ފްރާންސް އިން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އޮލީވިއޭ ޖިރޫޑާއި ޑެެމްބެލޭ ބަދަލުގައި ކުޅެން ނިކުތީ ރަންޑަލް ކޮލޯ މުއާނީ އާއި މާކުސް ތުރަމް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފަށް ނިކުމެ ފްރާންސް އިން ވަނީ ކުޅުން ރަނގަޅުކޮށް، އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. މެޗުގައި އާޖެންޓީނާގެ ފުރަތަމަ ބަދަލު ފެނުނީ 64 ވަނަ މިނެޓުގައެވެ. ދެ ވަނަ ލަނޑު ޖަހައިދިން ޑިމާރިއާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ މާކޯސް އަކުނާއެވެ. އޭގެ ފަހުން ފްރާންސް އިން ވަނީ އިތުރު ދެ ބަދަލު ގެނެސްފައެވެ. އެއީ އެންޓޮއިން ގްރީޒްމަންގެ ބަދަލު ކިންގްސްލީ ކޯމަން އާއި ތިއޯ ހެނާންޑޭޒްގެ ބަދަލު އެޑުއާޑޯ ކަމަވިންގާ އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ފްރާންސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ އާޖެންޓީނާގެ އޮޓަމެންޑީ ފްރާންސްގެ ކޮލޯ މުއާނީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފްރާންސް އަށް ޕެނަލްޓީ ކާމިޔާބުކޮށް ދިނީ ކީލިއަން އެމްބާޕޭއެވެ. އޭގެ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ފްރާންސް އަސް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެ ވަނަ ހާފުގެ އިތުރަށް ވަގުތަށް ވަނީ އަށް މިނެޓު ދައްކާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު ވެސް 2-2 އިން އެއްވަރުވެގެންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފަށް އާޖެންޓީނާ އިން ނިކުތީ ބަދަލަކާއެކުއެވެ. ނަހުއެލް މޮލީނާގެ ބަދަލުގައި ގޮންޒާލޯ މޮންޓިއެލް ވަނީ ކުޅެން އަރުވާފައެވެ. މެޗުގެ 96 ވަނަ މިނެޓުގައި އެޑްރިއަން ރާބިއޮޓްގެ ބަދަލުގައި ފްރާންސް އިން ވަނީ ޔޫސޮފާ ފޮފާނާ ކުޅެން އަރުވާފައެވެ. އޭގެ ފަހުން 101 ވަަބަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ދެ ބަދަލު ގެނެސްފައެވެ. ރޮޑްރީގޯ ޑި ޕައޯލްގެ ބަދަލުގައި ލިއާންޑްރޯ ޕަރޭޑްސް ކުޅެން ނިކުތްއިރު، ހޫލިއަން އަލްވަރޭޒްގެ ބަދަލުގައި ލައުޓާރޯ މާޓިނޭޒް ވަނީ ކުޅެން ނިކުމެފައެވެ.

މެޗުގައި ލީޑު ނެގުމަށް އާޖެންޓީނާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 109 ވަނަ މިނެޓުގައެވެ. ފްރާންސްގެ ކީޕަރު ލޮރިސްގެ ގައިގައި ޖެހިފައި ރީ ބައުންސަށް ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެން އާޖެންޓީނާ އަށް ލީޑު ނަގައިދިނީ މެސީއެވެ. މެޗުގެ 115 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ މަކަލަސްޓާގެ ބަދަލުގައި ޖާމަން ފަޒޭލާ ކުޅެން އަރުވާފައެވެ. އޭޭގެ މިނެޓެއް ފަހުން މޮންޓިއެލްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ފްރާންސް އަށް ޕެނަލްޓީއެއް ދީފައެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ.

އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖަހަން ލިބުނީ ފްރާންސް އަށެވެ.

ޕެނަލްޓީގައި ފްރާންސް އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. އެއީ އެމްބާޕޭ އާއި ކޯލޯ މުއާނީގެ ޕެނަލްޓީއެވެ. ފްރާންސްގެ ކޯމަން އާއި ޗުއަމިނީގެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރި މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އާޖެންޓީނާގެ ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެއީ މެސީ، ޑިބާލާ، ޕަރޭޑަސް އަދި މޮންޓިއެލްގެ ޕެނަލްޓީއެވެ.

އާޖެންޓީނާގެ މި ކާމިޔާބީ ޚާއްސަ ވަނީ ކެޕްޓަން މެސީ އަށެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް