ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 17:10
މޯލްޑިވްސް ލިވިން އެކްސްޕޯ
މޯލްޑިވްސް ލިވިން އެކްސްޕޯ
ރާއްޖެއެމްވީ
މޯލްޑިވްސް ލިވިން އެކްސްޕޯ
10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް
މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތް ދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްދޭ އެކްސްޕޯއެއް
ހައިރައިޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި އެކްސްޕޯއަކީ 10 ވަނަ "މޯލްޑިވްސް ލިވިންގ އެކްސްޕޯ"

ހައިރައިޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ތަފާތު ފެނުނު ކާމިޔާބު އެކްސްޕޯ އެއް ކަމަށް އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް އިން ބުނެފިއެވެ.

ލިވިންގ އެކްސްޕޯގައި "ރާއްޖެ އެމްވީ"އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ހައިރައިޒްގެ ފައުންޑަރ އިސްމާއީލް ހަމީދު ވިދާޅުވީ، މިފަހަރުގެ އެކްސްޕޯގައި ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ ކަމަށާއި އެއީ ވަރަށް ރަނގަޅު ބަދަލެއް ކަަމަށެވެ. "މޯލްޑިވްސް ލިވިންގ އެކްސްޕޯ"އަށް ލިބުނު ތަރުޚީބު ރަނގަޅުކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި އެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ހިއްސާކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އަވަށްޓެރިން ދިރިއުޅޭ ތަންތަނުގައި ހުރި ރަނގަޅު އެޕާޓްމެންޓް ޕްލޭން ތަކުގެ މައުލޫމާތު އެކްސްޕޯ އިން މި އަހަރު ފޯރުކޮށްދިން ކަަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރަށް ބޭނުންވާ ޒަމާނީ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތު އެކްސްޕޯގެ ތެރެއިން ލިބޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިހާރަށްވުރެ އެކްސްޕޯ ފުރިހަމަވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. މިގޮތުން ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކުގައި ހުރި ފުރުސަތުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސްޕޯ ފައްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒް އިސްމާއީލެވެ. ދަރުބާރުގޭގައި ކުރިޔަށްދާ ލިވިންގ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ލަންކާއާއި އިންޑިއާގެ ކުންފުނިތައްވެސް ހިމެނޭއިރު، އަހަރަކަށްވުރެ އަހަރެއް މި އެކްސްޕޯ ފުޅާވެ ފުރިހަމަވެގެންދިއުމަކީ ވަރަށް އުފާކުރާކަމެއް ކަމަށް ހައިރައިޒުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްދޭ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް އާންމުކޮށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

- ކޮމެންޓް