ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މިއީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.
މި ބިލުގެ މަގުސަދުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993" ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.
މީގެ އިތުރުން ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، މި ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިއުކުރަންޖެހެއެވެ.
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.