Advertisement
ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 12:27
ފަރެސްމާތޮޑާ އެއަރޕޯޓް ދިއްލާލައިފައި
ފަރެސްމާތޮޑާ އެއަރޕޯޓް ދިއްލާލައިފައި
ފަރެސްމާތޮޑާ އެއަރޕޯޓް
ފަރެސްމާތޮޑާ އެއަރޕޯޓް
ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޓެސްޓުކޮށްފި
މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެއް

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޓެސްޓުކޮށްފިއެވެ.

މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ. އެ އެއަރޕޯޓުގައި މިހާރު ކުރަމުން އަންނަނީ އެއަރޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

Advertisement

މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތައް ނިމިފައިވާއިރު އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި އެއާޕޯޓު ބޭނުންކުރަން ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެ ކުރިން "ރާއްޖެ ޓީވީ" އަށް ވިދާޅުވެފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރަންވޭއާއި ފަޔަރ ބިލްޑިންއާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރުގެ މަސައްކަތްތަކާއި އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކޮށް އެ އެއަރޕޯޓުގެ ފެސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ވަނީ އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ރާޑަރާއި ރަންވޭ ލައިޓިން ސިސްޓަމްތައް ޓެސްޓުކޮށްފައެވެ. އެހެންކަމުން އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމާއެކު ވެސް އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓުތައް ޝެޑިއުލް ކުރެވޭނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. އަތޮޅުގައި ތަރައްގީ ކުރާ ތިންވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް