ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ދިވެހި ޓީމު ރާއްޖެ އަތުވެއްޖެއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑުގެ ބެންގްކޮކުގައި ކުރިއަށް ދިޔަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމު ރާއްޖެ އައީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރަސްމީ ފާލަމުން ބޮޑީބިލްޑިން ޓީމަށް މަރުޙަބާ ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑޮކްޓަރު ޢަބްދުﷲ މަޢުޞޫމުގެ އިތުރުން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނެވެ. މީގެ އިތުރުން އެތުލީޓުންގެ އާއިލާ މެންބަރުން ވެސް ވަނީ މަރުޙަބާ ކިޔުމަށް ހާޒިރުވެފައެވެ.
މިއަހަރުގެ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ މުޙައްމަދު މޫސާ (މޯޑު)، މުހައްމަދު ޔާމީން (ޔާމްބެ)، އަޒްނީން ރަޝާދު، ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަންއެވެ.
މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަ މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލްއެވެ. ރާއްޖެއިން ރަން މެޑަލް ހޯދީ އަޒްނީންއެވެ. އެއީ ސްޕޯޓްސް ފިޒީކް އަޕް 170 ސެންޓިމީޓާރުގެ ކެޓަގަރީންނެވެ. ރާއްޖެ އިން ރިހި މެޑަލް ހޯދީ މޯޑު އެވެ. މޯޑު ރިހި މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. ރާއްޖެ އިން ލޯ މެޑަލް ހޯދި އެތުލީޓުންނަކީ ފަތުޙުﷲ (އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރު ކެޓަަގަރީ)، އަޙުސަން (އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީ)، ހިމްޔާން (އެތުލެޓިކް ފިޒީކް އަޕްޓް 75 ސެންޓްމީޓަރުގެ ކެޓަގަރީ) އަދި ޔާމްބެ (ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީ) އެވެ. މީގެ އިތުރުން ރާއްޖޭގެ އިމްރާހް ވަނީ ސްޕޯޓްސް ފިޒީކް އަޕް 180 ސެންޓިމީޓާރުގެ ކެޓަގަރީން ފަސް ވަނަ ހޯދާފައެވެ.
މިއީ ރާއްޖެއިން ބައިނަލްއަޤުވާމީ ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް އެންމެ ގިނަ މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.