މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލަން އެހީތެރިވި ސިޔާސީ މީހުންނާއި ފަނޑިޔާރުންގެ ތަފްސީލު މައުލޫމާތު ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ ކަމަށް ރާއްޖެ ޓީވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ވަނީ ބުރާސްފަތި ދުވަހު، އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. މި ރިޕޯޓު އެރުވުމަށްފަހު ކޮމިޝަންގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުވެސް ކުރައްވާފައެވެ. މީގެ އިތުރުން އެ ރިޕޯޓްގައި ހިމެނޭ ބައެއް ތަފްސީލްތައް ކޮމިޝަނުން ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
އެގޮތުން ރިޟްވާން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި އެ މައްސަލައިގައި ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ރާއްޖެއިން ބޭރަށް ފުރާފައި ވަނީ، އެ މީހުން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ވަނިކޮށް ސަރުކާރުގެ އިސްމަޤާމުގައި އޭރު ތިބި ސިޔާސީ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ތުހުމަތު ކުރެވޭ މީހުން ގަވާއިދާއި ޚިލާފަށް ދޫކޮށްލުމަށް އެދި ކްރިމިނަލްކޯޓުގައި އޭރު ހުރި ފަނޑިޔާރަކަށް މެސެޖުކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
"ރާއްޖެ އެމްވީ" އަށް އެނގިފައިވާ ގޮތުގައި ރިޟްވާންގެ މަރާއި ގުޅިގެން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރިޟްވާންގެ މަރާއި ގުޅިގެން ތަފާތު ތުހުމަތުތައް ކުރެވި ޝަރީއަތުން ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލަން ޤާވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ހިމެނޭހެން އެ މީހުންގެ ތަފްސީލް ރިޕޯޓުގައި ވަނީ ހިމަނާފައެެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޝާމިލްވާ މީހުން ޤާނޫނާއި ޚިލާފަށް ދޫކޮށްލުމުގައި ބައިވެރިވި އެއްވެސް މީހަކު މިހާރު މަޤާމަކު ނެތެވެ.
ރިޟްވާންގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓާއި ގުޅިގެން ފިޔަވަޅުތައް އަޅާނެކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. މި މައްސަލަ އާއި ގުޅިގެން އިތުރު ބައެއް މީހުންނަށް ދައުވާކުރާނެ ކަމަށް ބެލެވެއެވެ. ރިޟްވާނަށް ފާރަލިކަމަށް ތުހުމަތުކުރެވޭ ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުވައިދު ވެސް ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ރިޟްވާންގެ މަރާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަޒްލީފް ރައުފް މުޅިން ސަލާމަތްވީ އޭނާގެ ބަންދުގެ އަމުރު ބާތިލުވުމުން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރިޟްވާންގެ މަރާއި ގުޅުން ހުރި ތުހުމަތުތަކުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ނުކުމެ، އާންމުތަންތަނަށް އެއްވެ، އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ އިވެންޓުތަކުގައި އާއި ސަރުކަރުގެ އިސްވެރިން ބައިވެރިވާ އިވެންޓުތަކުގައި ވެސް އެ މީހުން ބައިވެރިވެފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ކަންކަމަށް ބަލާ އިރު ސިޔާސީ ފަރާތްތަކާއި އޮންނަ ގުޅުމުގެ އެހީގައި ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން މިނިވަންކޮށް ރާއްޖެއިން ބޭރަށް ފުރުމުގައި އެހީތެރިވެފައިވާކަން އެނގޭ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.