ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 12:41
ފްރާންސް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން
ފްރާންސް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އަބަދުވެސް ފްރާންސްގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވަން: ޑެޝޯމްޕްސް
މިހާރު އޮތް އާޖެންޓީނާ ޓީމާއި، މީގެ ހަތަރު އަހަރު ކުރިން ކުޅުނު އާޖެންޓީނާ ޓީމާ ތަފާތު

ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންނާމެދު އަބަދުވެސް ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލުން މޮޅުވެ، ފްރާންސް ފައިނަލަަށް ދަތުރުކުރި މެޗަށް ފަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެންމެ ބޭނުންވާ ގޮތަށް ޓީމު ނަތީޖާ ނެރެމުން އަންންނާތީ ފަޚުރުވެރިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު އޮންނަ ފައިނަލަށް ދިޔުމަށް މިއީ އެޅުނު އެންމެ ފަހު ފިޔަވަޅު ކަމަށެވެ. އޭނާ ބުނީ އެއީ ފަސޭހަ ފިޔަވަޅެއް ނޫން ކަަމަށާއި، ނަމަވެސް ޓީމުގެ ކޮލެޓީ އާއި ތަޖުރިބާ އަދި ޓީމު އޮތް ރޫޙުން އެކަން ހާސިލް ކުރެވުނީ ކަމަށެވެ. އަދި ކުޅުންތެރިން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަަށާއި، އެހެންކަމުން ވިސްނަން ޖެހޭނީ އޭނާގެ އަމިއްލަ ނަފްސާ މެދު ނޫން ކަމަށެވެ. އޭނާ ބުނީ ވިސްނަން ޖެހޭނީ ކުޅުންތެރިންނާ މެދު ކަމަށެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ވަނީ ފައިނަލްގައި ވާދަކުރަން ޖެހޭ ދެކުނު އެމެރިކާގެ އާޖެންޓީނާއާ ގުޅޭ ގޮތުން ވެސް ވާހަަކަ ދައްކާފައެވެ. ޑެޝޯމްޕްސް ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަންނަނީ މުބާރާތް ފެށުނު ހިސާބުން އޭނާގެ ހުނަރާއި، ފެންވަރު ދައްކަމުން ކަމަށެވެ. އަދި ހަތަރު އަހަރު ކުރިއާ އަޅާ ބަލާއިރު، މިހާރު ފުރުސަތުތައް ވެސް ފަހި ކަމަށެވެ. އޭނާ ބުނީ މެސީ ސެންޓަ ފޯވާޑަކަށް ކުޅުމަކީ އޭނާ އަށް ލިބުނި ބޮޑު ހައިރާން ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މެސީއާއެކު އޭނާ އަށް އެހީތެރިވާން ފޯވާޑް ލައިނެއް އޮތް ކަމަށް ޑެޝޯމްޕްސް ބުންޏެވެ. މީގެއިތުރުން މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ޑެޝޯމްޕްސް ބުނީ މެޗުގައި މެސީ ހަރަކަތްތެރިވާނެ މިންވަރު ކުޑަ ކުރުމަށް ފްރާންސް އަސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ އިން ވެސް ފްރާންސްގެ ބައެއް ކުޅުންތެރިންގެ ހަރަކާތްތެރިކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް އާޖެންޓީނާ ޓީމާއި، މީގެ ހަތަރު އަހަރު ކުރިން ކުޅުނު އާޖެންޓީނާ ޓީމާ ތަފާތު ކަމަށެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް މުބާރާތުގެ ގަދަ 16 ގައެވެ. އެ ފަހަރު ފްރާންސް އިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދީ 4-3 އިންނެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ވާދަކުރާ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް