ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 14:04
މި އަހަރަކީ އެންމެ ގިނައިން މަސްބޭނި އަހަރު
މި އަހަރަކީ އެންމެ ގިނައިން މަސްބޭނި އަހަރު
މިހާރު
މަސްވެރިކަން ތަރައްގީކުރުން
މި އަހަރަކީ އެންމެ ގިނައިން މަސްކިރާ، މަސްވެރިންނަށް ފައިސާ ދިން އަހަރު
މި އަހަރު ނިމޭއިރު، އެ ޢަދަދު އެއްބިލިއަން ފަހަނައަޅައި ދާނެ
59 ހާސް މެޓްރިކް ޓަނުގެ މަސް މިހާތަނަށް ކިރާފައިވޭ

މިއަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން މަސްކިރާ އަދި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދިން އަހަރުގެ ގޮތުގައި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2006 ވަނަ އަހަރުގެ ފަހުން މިހާތަނަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި މިއަހަރު ވެގެންދާނެއެވެ. މިދިޔަ ހަފްތާގެ ނިޔަލަށް، 59 ހާސް މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފައިވެއެވެ.

އަދި މި އަހަރަކީ ސަރުކާރުގެ މަސް ކުންފުނިން ދިވެހި މަސްވެރިން އަތުން ގަތް މަހަށް އެންމެ ގިނަ ފައިސާ ދޭނެ އަހަރަށްވެސް ވެގެންދާނެއެވެ. މިދިޔަ ހަފްތާގެ ނިޔަލަށް 965 މިލިއަން ރުފިޔާ، މިފްކޯއަށް ގަތް މަހަށް، މަސްވެރިންނަށް ދެވިއްޖެއެވެ. މި އަހަރު ނިމޭއިރު، އެ ޢަދަދު އެއްބިލިއަން ފަހަނައަޅައި ދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މަސްވެރިންގެ އަތުން ގަންނަ މަސް އެކްސްޕޯޓްކޮށް، މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކޫއްޑޫގެ ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް، ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ކޫއްޑޫގެ މިހާރު ހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. އަދި 1250 މެޓްރިކް ޓަން ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާއި 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް މިހާރުވަނީ ހެދިފައެވެ. އޭގެއިތުރުން، ތިނަދޫގައި ޤާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންއާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެއެވެ.

މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް ހޯދުމަށް މަސް ގަންނަ ތިން ބޯޓު މިހާރު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އަދި ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެގްރީމެންޓް ކުރެވި، އެ ބޯޓުވެސް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 300 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ހުންނާނެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އޮޑިވެރިންގެ ފަރާތުން ބޭންކް ޓްރާންސްފަރުގައި ހުރި ދަތިތައް ހައްލުކުރުމާއި، މަސްވެރިން ބޭނުންވާވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެގޮތް ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް، ފިއުލް ސަޕްލައި އިން ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓްގައި އަދި ކްރެޑިޓް ލިބޭގޮތަށް، ކްރެޑިޓަކާ އެކީގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތް ލަސްތަކެއްނުވެ އެސް.ޓީ.އޯ. އިން ހަމަޖައްސައިދެވެނެ އިންތިޒާމް ދަނީ ކުރެވެމުންނެވެ.

އަދި ދުރު ނޫން މުސްތަޤްބަލެއްގައި މިކަމަށް ޙައްލެއް ގެނެވި، ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް، މިއަށްވުރެ ރަނގަޅު އަގު ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއިރުން މިފްކޯއިން ގަންނަ މަހަށް ބޮޑުއަގު ދެވޭނެއެވެ. މިކަމަށްޓަކައި ސަރުކާރުން އަންނަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު، ޑޮކްޓަރ ޙުސައިން ރަޝީދު، ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި އެސް.ޓީ.އޯ.އާއި މިފްކޯއާއި، ފައިނޭންސް މިނިސްޓަރާ އެކީގައި ބޭރުގެ ފަރާތްތަކާއެކު މަޝްވަރާތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް