ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ރެފްރީކަމުގެ ދަށުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.
ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ އަލްތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވާދަކުރީ ކުރީގެ ލެޖެންޑުންނާއި، ޤަތަރުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މެޗު ފަށައިގެން އިރުކޮޅެއްގެ ތެރޭގައި އިންފަންޓީނޯ ވަނީ އިޓަލީގެ ލެޖެންޑް އެލެކްސާންޑްރޯ ޑެލް ޕިއެރޯ އަށް ރީނދޫ ކާޑެއް ދައްކާފައެވެ.
މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޮމާންގެ ލެޖެންޑްރީ ގޯލް ކީޕަރު އަލީ އަލް ހަބްސީ ބުނީ، އެ މެޗަކީ ވަރަށް ޚާއްސަ އަދި މުހިންމު މެޗެއް ކަމަށެވެ. އޭނާ ބުނީ ކުރީގެ ލެޖެންޑުންނާއި، ޤަތަރުގައި މަސައްކަތް ކުރާ މަސައްކަތްތެރިން އަދި ވޮލަންޓިއަރުން އެއްތަނަކުން މަޖާކޮށްލެވުމަކީ ޚާއްސަ ކަމެއް ކަމަށެވެ. އޭނާ ބުނީ އެ ފަރާތްތަކަކީ ވޯލްޑް ކަޕަށް ބޮޑު އެހީތެރިކަމެއް ވެސް ވެދިން ފަރާތްތަކެއް ކަމަށެވެ.
ފީފާ އިން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގެ ކުރިން ލެޖެންޑް ކަޕެއް ވެސް ބާއްވަން ނިންމާފައެވެ. އެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 15 އިން 16 އަށެވެ. އެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް މިއަހަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ލުސައިލް ސްޓޭޑިއަމްގައެވެ. އެ މުބާރާތުގައި ކުރީގެ 100 އަށް ވުރެ ގިނަ ފުޓުބޯޅަ ލެޖެންޑުން ބައިވެރިވާން ވަނީ ނިންމާފައެވެ.