ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 21:07
ވެކްސިން ޖަހަނީ
ވެކްސިން ޖަހަނީ
ޑެއިލީ މެއިލް
ތުއްތުކުދިންނަށް ދޭ ކޮވިޑް ވެކްސިން
ތުއްތުކުދިންނަށް ދެވޭ ކޮވިޑް ވެކްސިނަކަށް ހުއްދަ ދީފި
އަލަށް ހުއްދަ ދިން ވެކްސިން، އުމުރުން 6 މަހުން މަތީގެ ކުދިންނަށް ދެވޭނެ

ކޮވިޑް 19ން ދިފާއުވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ދިނުން ކަމަށް ވާއިރު, މިހާތަށް އާންމުގޮތެއްގައި ވެކްސިން ދެމުން އައީ 12 އަހަރުން މަތީގެ ކުޑަކުދިންނާ މީހުންނަށެވެ. ނަމަވެސް ނިމުނު ހަފުތާގައި އިނގިރޭސިވިލާތުގައި ވަނީ 6 މަހުން މަތީގެ ތުއްތުކުދިންނަށް ދެވޭ ކޮވިޑް ވެކްސިނަކަށް ހުއްދަ ދީފައެވެ. މިގޮތުން ފައިޒަރ ވެކްސިންގެ ދަށް ޑޯޒެއް ގޮތަށް އުފައްދާފައިވާ ޚާއްސަ ވެކްސިނެއް، 6 މަހުން މަތީގެ ކުދިންނަށް ޖެހިދާނެކަމަށް އެގައުމުގެ ވެކްސިން ރެގިއުލޭޓަރުން ވަނީ ބުނެފައެވެ. އޭގެ ކުރިން އީޔޫގެ ހެލްތު ޗީފުންވެސް ވަނީ، ފައިޒަރ ނުވަތަ މޮޑާނާގެ ތުއްތުކުދިންނަށް ޚާއްސަކޮށް އުފައްދާފައިވާ ވެކްސިން ދިނުމުގެ ހުއްދަ ދީފައެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެތެރެއިން، ހުރިހާ ގައުމެއްގައިވެސް ފުރަތަމަ ވެކްސިން ދީފައިވަނީ 12 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށެވެ. އެއަށްވުރެ ދަށް އުމުރުގެ ކުދިން ވެކްސިން ނުދީ މަޑުކުރީ އެކުދިންނަށް ނިސްބަތުން ރިސްކް ކުޑަވީމައި ކަމަށް ވެއެވެ. ނަމަވެސް އެމެރިކާއާއި އީޔޫގެ ގައުމުތަކުގައި ފަސް އަހަރުން މަތީގެ ކުދިންނަށްވެސް ވެކްސިން ދޭން މިއަހަރުގެ ކުރީ ކޮޅު ވަނީފަށާފައެވެ. މިއާއެކު ކުޑަކުދިންނަށް ބަލިޖެހޭ ނިސްބަތް މިހާރުވެސް ދަށް ވާން ފަށާފައިވާ ކަމަށް ވެއެވެ.

މިހާރު ކުރިއަށްދާ ފިނި މޫސުމަކީ އާންމުކޮށް ޔޫރަޕާއި އެމެރިކާގައިވެސް ފްލޫ ނުވަތަ އަރިދަފުސް ރޯގާ އިތުރުވާ ދުވަސްވަރެކެވެ. އެހެން ކަމުން ފްލޫއިން ރައްކާތެރިވުމަށްޓަކައި ވެސް ވެކްސިން ދިނުން ވަނީ އިތުރުކޮށްފައެވެ.

އިނގިރޭސިވިލާތުގައި 6 މަހުން މަތީގެ ތުއްތު ކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ދިނުމުގެ ކުރިން، އަޖުމަ ބެލުމުގެ ގޮތުން ތިން މައިކްރޯ ގްރާމްގެ ޑޯޒެއް 4،500 ކުދިންނަށް ދީފައި ވެއެވެ. އެގައުމުގައި ބޮޑެތި މީހުންނަށް ދެނީ އެއަށް ވުރެ 10 ގުނަ ބާރުގަދަ ޑޯޒެއް ކަމަށް ވެއެވެ. އަދި ކުޑަކުދިންނަށް ދެވެނީ 10 މައިކްރޯ ގްރާމް ކަމަށް ވެއެވެ.

ތުއްތުކުދިންނަށް ވެކްސިން ދެނީ 3 އިންޖެކްޝަނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދޭތާ ތިން ހަފުތާ ފަހުން ދެވަނަ ޑޯޒް ދޭއިރު، ތިންވަނަ ޑޯޒް ދެނީ އޭގެ ދެމަސް ފަހުންނެވެ.

5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ދެނީ ދެޑޯޒެވެ. އެއީ ފުރަތަމަ ޑޯޒް ޖަހާތާ 12 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހާ ގޮތަށެވެ.

ތުއްތުކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށް ބާރުއަޅާ ބައެއް ސަބަބުތައް ހުރެއެވެ. މިގޮތުން ޓައިޕް ވަން ޑަޔަބެޓީސް އަދި ސިކްލް ސެލް ފަދަ ބޮޑެތި ބަލިތަކުގެ ނުރައްކާ އޮތުން މި ސަބަބު ތަކުގެތެރޭގައި ހިމެނެއެވެ.

މައުލޫމާތު: މެއިލް އޮންލައިން  

- ކޮމެންޓް