ތަށި ދިފާއުކުރުމުގެ ވާހަކަ ނުދައްކައި މިވަގުތު ފޯކަސް ހުރީ މުބާރާތުގެ ސެމީ ފައިނަލަށް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
ޑެޝޯމްޕްސް މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ބަލިކޮށް، ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސެމީ ފައިނަލްގައި ފްރާންސް ނުކުންނަނީ އެފްރިކާގެ މޮރޮކޯއާ ދެކޮޅަށެވެ. މެޗަށްފަހު ނޫސްވެރިޔަކު ޑެޝޯމްޕްސްއާ ކުރި ސުވާލަކީ 1962 ވަނަ އަހަރުގެ ފަހުން ތަށި ދިފާއުކުރާނެ ފުރަތަމަ ޓީމަކަށް ފްރާންސް ވުމަކީ ގިނަ ބަޔަކު އުއްމީދު ކުރާ ކަމެއް ކަމަށާއި، އެކަމާ މެދު އޭނާގެ ބަހަކީ ކޮބައިތޯއެވެ. އެ ސުވާލަށް ޖަވާބު ދެމުން ޑެޝޯމްޕްސް ބުނީ އެ ސުވާލަށް މަޢާފަށް އެދޭ ކަަމަށާއި، މިހާރު ފްރާންސް އޮތީ ސެމީ ފައިނަލްގައި ކަމަށެވެ. އޭނާ ބުނީ އެކަމަށް ގޮތެއް ކިޔަން ޖެހޭނީ ސެމީ މެޗަށްފަހު ކަމަށެވެ. ނަމަވެސް ޑެޝޯމްޕްސް ބުނީ އެކަމާ ކައިރިއަށް އެބަ ދެވޭ ކަމަށާއި، އެހެން ނަމަވެސް އޭގެ ކުރިން ބުދަ ދުވަހު އޮތީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެއީ ސެމީ މެޗުން މޮޅުވެ ފައިނަލަށް ދިޔުމެވެ.
މީގެ އިތުރުން އޭނާ ބުނީ މިހާތަނަށް އައިއިރު ފްރާންސް އަށް ކުރެވިފައި ހުރި ކަންކަމާމެދު ޓީމު ހިތްހަމަ ޖެހޭ ކަމަށާއި، އަނެއްކޮޅު ތަށި ދިފާއުކުރުމުގެ ތާރީޚަކީ މިހާތަނަށް ފަނޑުކޮށް އޮތް އެއްޗެއް ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެކަމަށް މަސައްކަތް ކުރި ނަމަވެސް، މިވަގުތުގެ ފޯކަސް ހުރީ މޮރޮކޯ މެޗަށް ކަމަށެވެ.
މޮރޮކޯ ޓީމާ ގުޅޭ ގޮތުން ޑެޝޯމްޕްސް ބުނީ، މިހާތަނަށް މޮރޮކޯ ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމު ސެމީ ފައިނަލްގައި އޮންނާނެ ކަމަށް ދެކުނީ ވެސް މަދު ބައެއް ކަމަށެވެ. ނަަމަވެސް އޭނާ ބުނީ މޮރޮކޯ ދެއްކި ކުޅުމަށާއި، އެމީހުން ވާދަކުރަން ޖެހުނު ޓީމުތަކާއި، ބައިކޮޅަށް ވަތް އެއް ލަނޑުން ބުނެދެނީ މޮރޮކޯ ސެމީ ގައި އޮތުން ހައްގުކަމަށެވެ. އޭނާ ބުނީ މޮރޮކޯ އިން ފްރާންސްއާ ދެކޮޅަށް ކުޅޭނީ ވެސް ވަރުގަދަކޮށް ކަމަށާއި، ފައިނަލްގައި ކުޅުމުގެ ފުރުސަތު މޮރޮކޯ އަށް ވެސް އޮތް ކަމަށެވެ. އޭނާ ބުނީ އިދިކޮޅަށް ކުޅެނީ ކޮންމެ ޓީމެއްކަމުގައި ވީ ނަމަވެސް، އެ ޓީމަކަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މޮރޮކޯ އަދި ފްރާންސް ބައްދަލު ކުރާ ސެމީ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.