ފ. ދަރަނބޫދޫއާއި ފީއަލީގައި ޕޮލިސް ޕޯސްޓް ހުޅުވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ދަރަނބޫދޫ އަދި ފީއަލީގައި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަމަށެވެ. ފުލުހުން ބުނެފައިވަނީ މިއީ ފުލުހުންގެ ހިދުމަތް ފުޅާކޮށް އާންމުންނަށް އެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މަސައްކަތެއްކަމަށެވެ.
ދަރަނބޫދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނބޫދޫއަކީ މިހާރުވެސް ކުށްމަދު ރަށެއް ކަމަށެވެ. އަދި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން ދަރަނބޫދޫ އަކީ މިހާރަށްވުރެ ވެސް ކުށްމަދު، އަމާން، ސުލްހަވެރި، އުފާ ފާގަތި ރަށަކަށް ވުމަށް މަގުފަހިކޮށްދެވޭނެ ކަމަށެވެ.
މި ދެ ރަސްމިއްޔާތުގައި ވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރަލީ ރަޝީދު އަދި ފުލުހުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދެރަށުގައި ޕޮލިސް ޕޯސްޓް ހުޅުވާފައިވާ އިރު، ތ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ވެސް ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނި ރާއްޖޭގައި އާންމުކޮށް ހިންގާ ކުށްތައް، ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާއި އެއްގޮތަށް ފުރިހަމަ، ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ކޮމިއުނިޓީ ޕޮލިސިންގެ ޕްރިންސިޕަލްސް ނުވަތަ އުސޫލު ތަކާ އެއްގޮތަށް ފުލުހުން ތަމްރީނުކުރުމަށް މިއަދު ވަރަށް ބޮޑު އިސްކަމެއް ދެވޭކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.