ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 07:06
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އިންގްލެންޑަކީ ވަރުގަދަ ޓީމެއް، ފްރާންސްގެ ތައްޔާރުވުންތައް ވަރުގަދަ
ޑެޝޯމްޕްސް ބުނީ މެޗު ކާމިޔާބުކުރަން ހަމައެކަނި ބޭނުންވަނީ ސްޕީޑް ނޫންކަމަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުންނާ ދެކޮޅަށް ފްރާންސްގެ ތައްޔާރުވުންތައްވެސް ވަރުގަދަވާނެކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. ޑެޝޯމްޕްސް ބުނީ އަވަސް ގޭމެއް ކުޅެން ބޭނުންވާނަމަ ސްޕީޑަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އޭނާ ބުނީ އެކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ އިދިކޮޅު ޓީމުގައި ރޭވުންތެރިކަން ނެތްނަމަ، ނުވަތަ ރޭވުންތެރިކަން ކުޑަނަމަ ކަމަށެވެ. ޑެޝޯމްޕްސް ބުނީ މެޗު ކާމިޔާބުކުރަން ހަމައެކަނި ބޭނުންވަނީ ސްޕީޑް ނޫންކަމަށާއި، އެހެނިހެން ކަންކަންވެސް ބޭނުންވާނެ ކަމަށެވެ. އޭނާ ބުނީ އިންގްލެންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުން ކުޅުނު މެޗުތަކުގައި ގިނައިން ލަނޑު ޖަހާފައިވަނީ ކައުންޓަރ އެޓޭކުގައި ކަމަށެވެ. ނަމަވެސް އިންގްލެންޑުގައި އެހެނިހެން ކޮލިޓީވެސް ހުރިކަން ފާހަގަކުރަމުން ޑެޝޯމްޕްސް ބުނީ، ލަނޑު ޖެހުމާއިި ނުރައްކާ ކުރުމުގައި އިންގްލެންޑް ފާހަގަކޮށްލެވޭ ކަމަށެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ އޭނާއަށް ގަބޫލުކުރެވޭގޮތުގައި އިންގްލެންޑުން އެންމެ ބޮޑަށް ތައްޔާރުވަނީ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަމް އެމްބާޕޭ ހުއްޓުވުމަށް ކަމަށެވެ. އޭނާ ބުނީ ފްރާންސުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ކުރީ އެ މަސައްކަތް ކަމަށެވެ. ނަމަވެސް އެމްބާޕޭއަކީ ތަފާތު ދެއްކުމުގައި ހުނަރުވެރި ކުޅުންތެރިއެއް ކަމަށްވެސް އޭނާ ބުންޏެވެ. ޑެޝޯމްޕްސް ބުނީ ފްރާންސުން އެންމެ ފަހުން ކުޅުނު މެޗުގައި އެމްބާޕޭ ހުރީ އޭނާގެ އެންމެ މޮޅު ކުޅުމުގައި ނޫން ކަމަށާއި، ނަމަވެސް އެ މެޗުގައިވެސް އޭނާ ތަފާތު ދެއްކިކަމަށެވެ. އޭނާ ބުނީ އެމްބާޕޭ ހުރުމަކީ ވެސް އިދިކޮޅު ޓީމަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އެމްބާޕޭއަކީ ކޮންމެ ވަގުތެއްގައިވެސް ނުރައްކާ ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.

އަހަރެންނަށް ހީވަނީ އިންގްލެންޑުން ތައްޔާރުވާނީ އެމްބާޕޭ ހުއްޓުވަންހެން. އިދިކޮޅަށް އެންމެ ފަހުން ކުޅުނު ހަތަރު ޓީމުވެސް ކަންތައް ކުރީ އެގޮތަށް. އެކަމަކުވެސް އެމްބާޕޭގެ އެބަހުރި މެޗުގަ ތަފާތު ދެއްކުމުގެ ފެންވަރު.
ޑެޝޯމްޕްސް / ފްރާންސްގެ ކޯޗު

ޑެޝޯމްޕްސްގެ އިތުރުން، ޕްރެސްގައި ބައިވެރިވެ ވާހަކަ ދައްކަމުން ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނީ މިހާރު އޮތް އިންގްލެންޑް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ އިނގިިރޭސި ޕްރިމިއަރ ލީގާއި ޗެމްޕިއަންްސް ލީގުގައި ވާދަކުރާ ޕްރިމިއަރ ލީގުގެ ވަރުގަދަ ޓީމުތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ބުނީ ފްރާންސް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ޕްރިމިއަރ ލީގުގައި ކުޅޭ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭނެކަމަށެވެ. ލޮރިސް ބުނީ ހުރިހާ ގޮތަކުން ބަލާނަމަ، އިންގްލެންޑުގައި މޮޅެތި އެތައް ކުޅުންތެރިން ތިބި ކަމަށެވެ. އޭނާވެސް ބުނީ އިންގްލެންޑާ ދެކޮޅަށް މުޅި ފްރާންސް ޓީމުވެސް ވަރަށް ވަރުގަދަ ވާން ޖެހޭނެ ކަމަށެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް