ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 09:20
އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ
އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތައް
އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގިނަ މައްސަލަތަކެއް
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 79 މައްސަލަ ހުށަހެޅި
ގެވެށި އަނިޔާގެ 36 މައްސަލަ ހުށަހެޅި
އާއިލީ މައްސަލަތަކާ ގުޅުންހުރި 33 މައްސަލަ ހިމެނޭ

މިދިޔަ އޮކްޓޯބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 208 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމަހު އެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. މިގޮތުން މިފަދަ 79 މައްސަލައެއް ހުށަހަޅާފައިވަކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އިހުމާލުވުމުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޖިންސީ ހާނިކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިކައިގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 1 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޯބަރު މަހު މިނިސްޓްރީ އަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 15 މައްސަލައެވެ. ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 12 މައްސަލަ، ޖިންސީ  ހާނިއްކަ ކުރުމުގެ 3 މައްސަލަ، އިހުމާލުގެ 3 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި މަޖުބޫރުކުރުވައިގެން މަސައްކަތް ކުރުވުމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 33 މައްސަލައެއް އޮކްޓޯބަރު މަހު މިނިސްޓްރީއަށް ހުށަހަޅާއިފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 11 މައްސަލަ، ހަޟާނާތުގެ 7 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 13 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ އޮކްޓޯބަރު މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެކެވެ.

ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 17 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 6 މައްސަލައާއި، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 4 މައްސަލައާއި، ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލައާއި، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 2 މައްސަލައާއި ސްލޫކީ މައްސަލައެއް އަދި ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ މައްސަލައެއް ހިމެނެއެވެ.

ކުޑަކުދިންނަށް ޙައްޤުތަކާއި ގުޅުންހުރި 6 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، ސާފްބޯފެނުގެ ޚިދުމަތް ކަނޑާލުމުގެ 2 މައްސަލަ، ކަރަންޓު ޚިދުމަތް ކަނޑާލުމުގެ 1 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލައެކެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އޮކްޓޯބަރު މަހު 2 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް