މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ގްރޫޕް ސްޓޭޖް އެންމެ ރަނގަޅު މުބާރާތްކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.
މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުމާއި ގަދަ 16ގެ ކުޅުން ނިމި، މިހާރު ވަނީ ކުއާޓަރ ފައިނަލް މެޗުތައް ކުޅެން ތައްޔާރުވެފައެވެ. ކުއާޓަރ ފައިނަލްގެ މެޗުތައް ފަށާނީ ހުކުރު ދުވަހުގެ ރެއެވެ. އިންފަންޓީނޯގެ އިންޓަވިޔުއެއްގައި އޭނާ ބުނީ، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ގްރޫޕް ސްޓޭޖް އެންމެ ރަނގަޅު މުބާރާތްކަމަށާއި، މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކަހަލަ ގޮތަކަށް އޭނާ ބެލި ކަމަށެވެ. މިއީ ވޯލްޑް ކަޕްގެ ހަނދާނަކަށްވެސް ދައްކަންޖެހޭ ވާހަކައެއްކަމަށް އިންފަންޓީނޯ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މުބާރާތުގެ މެޗުތަކަކީ ވަރަށް ކޮލިޓީ އަދި ވަރަށް ފުރިހަމަ މެޗުތަކެއް ކަމަށެވެ. އިންފަންޓީނޯ ފާހަގަކުރިގޮތުގައި މިއަހަަރުގެ މުބާރާތަށް އާންމުންގެ ތެރެއިންވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ މެޗުތައް ބެލުމަށް އެވްރެޖްކޮށް 51،000 (ފަންސާން އެއް ހާސް) މީހުން ވަދެފައިވާކަމަށް އިންފަންޓީނޯ ބުންޏެވެ. ހަމައެއާއެކު ޓީވީ މެދުވެރިކޮށްވެސް މިހާތަނަށް ރެކޯޑު އަދަދަކަށް މީހުން މުބާރާތް ބަލާފައިވާކަން އިންފަންޓީނޯ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދެ ބިލިއަނަށްވުރެ ގިނަ މީހުން ޓީވީ މެދުވެރިކޮށް މުބާރާތް ބަލާފައިވާކަމަށް އިންފަންޓީނޯ ބުންޏެވެ. މީގެ އިތުރުން މުބާރާތާ ދިމާކޮށް، ގަތަރުގެ ދޯހާގެ މަގުތައް މަތީގައި ދެ މިލިއަނެއްހާ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
ހަމައެއާއެކު ސަޕޯޓަރުން އެމީހުންގެ ގައުމުތަކަށް ސަޕޯޓުކުރަމުން އަންނަނީ އުފާވެރި މާހަައުލެއްގައިކަން ފާހަގަކޮށް އިންފަންޓީނޯ ބުނީ، އެންމެ ހައިރާންވާ އެއް ކަމަކީ ކުދި ޓީމުތަކުން ބޮޑެތި ޓީމުތައް ބަލިކޮށްފައިވުން ކަމަށެވެ. އިންފަންޓީނޯ ބުނީ، އެކަމުން އެނގުނީ ކުޑަ ޓީމެއް ބޮޑު ޓީމެއް ދެން ނޯންނާނެކަން ކަމަށެވެ. ޓީމުތަކުގެ ލެވެލް ފެންނަނީ ދާދި އެއްވަރުކޮށްކަން ފާހަގަކުރަމުން އިންފަންޓީނޯ ބުނީ، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ނޮކްއައުޓް ބުރުގައި ހުރިހާ ބައްރަކުން ވާދަކުރި ފުރަތަމަ މުބާރާތް ކަމަށެވެ. އިންފަންޓީނޯ ބުނީ އެކަމުން އެނގި ހާމަވެގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއަރާފައިވާ މިންވަރުކަމަށެވެ.
އިންފަންޓީނޯ ވަނީ މުބާރާތް ބޭއްވުމަށް ގަތަރުން ވެފައިވާ ތައްޔާރީތަކުގެ ފުރިހަމަކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކާފައެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ތާރީޚުގެ އެންމެ ކުރިން ޖާގަ ލިބޭނީ ގަތަރު ވޯލްޑް ކަޕަށް ކަމަށެވެ.