ކައުންސިލްތައް ޖަވާބުދާރީ ކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭގޮތުން މިޑީއާތަކަށް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ހޯމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމް ބާއްވާފައިވަނީ ބުދަ ދުވަހު މެންހެޓަން ބިޒްނަސް ހޮޓަލްގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މި ޕްރޮގުރާމުގެ ތެރެއިން ކައުންސިލްތައް ޖަވާބުދާރީ ކުރާނެ އުކުޅުތަކާއި އަރޓިކަލްތައް ލިޔުމުގައި ސަމާލުކަން ދޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުތައް ވަނީ ހިއްސާ ކޮށްފައެވެ. ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ތިން ދާއިރާއަކުން ވަނީ ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވައި ހޯމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް 2008 ވަނަ އަހަރުން ފެށިގެން އައިސްފައިވާ ބަދަލުތަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މީޑިއާގެ ތެރެއިން އަދާ ކުރާ ދައުރު މިހާރަށްވުރެ ބޮޑަށް ލާމަރުކަޒީ ކުރަން ޖެހޭ ކަމަށެވެ. އަދި ޓްރެއިނިން ޕްރޮގްރާމަކީ މީޑިއާ ދާއިރާ ލާމަރުކަޒު ކުރުމުގެ ވިސްނުމާ ދިމާލަށް ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ރާއްޖެ ހިންގުމުގެ މުހިންމު ބައެއް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މަތި ކުރެވެމުންދާއިރު އެ ކައުންސިލްތައް މީޑިއާތައް މެދުވެރިކޮށް ޖަވާބުދާރީ ކުރަން ޖެހޭ ކަމަށެވެ.
މި ޕްރޮގްރާމުގައި ލާމަރުކަޒީ ޤާނޫނާއި ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވީ ޑރ. އަހުމަދު ޝުކުރީ ހުސެއިންނެވެ. އަދި، ލީކަލް ގަވަރނަންސް ޚަބަރުތައް އާއްމު ކުރުމުގައި ބޭނުން ކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކާ ގުޅޭގޮތުން މުޙައްމަދު ނަޒީފު މައުލޫމާތު ދެއްވާފައިވާއިރު ލޯކަލް ގަވަރނަންސް ޚަބަތުތައް އާއްމު ކުރުމުގައި ދިވެހި ރާއްޖެއިން މިސާލު ނަގައިގެން ނޫސްވެރިންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދެއްވީ ޝަމްޢާން ޝާކިރުއެވެ.