ކ. މާލެ
|
7 ޑިސެންބަރ 2022 | ބުދަ 11:22
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ހިޔާނަތްތެރިވުން
ބުކިންގ ހެއްދުމަށް ހުށައެޅި ފައިސާއަށް ހިޔާނަތްތެރިވި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
އޭނާގެ މައްޗަށް ކޮށްފައިވަނީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ
ބުރާސްފަތި ދުވަހު އަދަބާ ގުޅޭ އަޑުއެހުން ކުރިއަށް ގެންދަވާނެ

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ބުކިންގ ހެއްދުމަށް ހުށައެޅި ހުށައެޅުމެއް ބަލައިގަނެ، އެކަމާ ގުޅޭ ފައިސާވެސް ބަލައިގަތުމަށްފަހު އެ ފައިސާ އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާތީ ކުރި ދައުވާ މ.ވެރާ ހަސަން ޙާޝިމްގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ ޕެރަޑައިސް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ބުކިންގ ހެއްދުމަށް ހުށައެޅި ހުށައެޅުމެއް ބަލައިގަނެ، އެކަމާ ގުޅޭ ފައިސާ ބަލައިގަނެ، ބުކިންގ ކޮންފަރމް ކޮށް، އެ ފައިސާ އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާތީއެވެ. އެއީ 4390 ޔޫއެސް ޑޮލަރެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ ފައިސާ ލިބުނުކަމަށާއި އެ ފައިސާ ބޭނުންކުރީ އެހެން ބޭނުންތަކަށްކަމަށް ހަސަން ހާޝިމްވެސް ވަނީ ތަހުގީގުގައި އެއްބަސްވެފައެވެ. އަދި އެކައުންޓް ސްޓޭޓްމަންޓުންވެސް އެކަން ފެންނަން އޮވެއެވެ.

އޭގެ އިތުރުން، ބުކިންގ ހެދި މީހާ ޝަކުވާ ހުށައެޅުމުންވެސް އެ ފައިސާ ދައްކާފައިނުވާކަން ޝަރީއަތުން ފާހަގަކުރިއެވެ.

ހަސަން ހާޝިމް ބުނާ ގޮތުގައި ބުކިންގ ފީ ދެއްކިފައި ނުވަނީ އޭނާއާއި ކުންފުންޏަށް ދިމާވި މާލީ ޙާލަތުގެ ސަބަބުން ކުންފުނި ބަނގުރޫޓުވެ ކުންފުނި އުވާލަން ނިންމަން ޖެހުމުންނެވެ. އެެހެން ދިމާވީ ރާއްޖޭގެ ސިޔާސީ ޙާލަތާއި، ފަތުރުވެރިކަން ދަށްވުން ފަދަ ސަބަބުތައްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ކުންފުނި  ބަނގުރޫޓުވާ ޙާލަތުގައި އެ ކުންފުންޏެއް އުވާލުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އޭނާ ފުރިހަމަ ކޮށްފައި ނުވާކަން ހެކިތަކުން ސާބިތުވާކަމަށް ޝަރީއަތުން ފާހަގަކުރިއެވެ.

އޭނާ ބުނާ ގޮތުގައި އޭނާ ބުކިންގ ފީ ގެ ޒިންމާ އޭނާ ފަރުދީ ގޮތުން ނަގާކަށް ނުޖެހޭނެއެވެ. ސަބަބަކީ ބުކިންގ ފީ ގެ ހުށައެޅުން ވެފައިވަނީ ކުންފުންޏާއެކުކަމަށްވާތީއެވެ. ނަމަވެސް ޑިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާއަކީ ކުންފުންޏަށް ބުކިންގ ހަމަޖައްސައި ނުދެވޭނެކަން އެނގޭފަދަ މަހައްލެއްގައި ހުރި މީހެއްކަން ޝަރީއަތުން ވަނީ ހެކިތަކަށް އަލިއަޅުވާލަައްވާ ފާހަގަ ކުރައްވާފައެވެ.

ވުމާއެކު، އޭނާގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދެފަރާތަށް ވަނީ ފުރުސަތު ދެއްވާފައެވެ.

އެހެންނަމަވެސް ދިފާއީ ވަކީލު ވަނީ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިތުރު ފުރުސަތަކަށް އެދިލައްވާފައެވެ. ވުމާއެކު، ގާޒީ ވަނީ ބުރާސްފަތި ދުވަހަށް އަޑުއެހުން ކުރިއަށް ގެންދަވާނެކަން ފާހަގަ ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު މިސްބާހުއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް