ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނައިރު މޮރޮކޯ ޓީމުން މެޗުގެ ހާއްސަކަން ބޮޑުވާ ކުޅުންތެރިއަކީ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. އޭނާ އަކީ ސްޕެއިން އަށް އުފަންވި މީހެކެވެ. ޅަފުރައިގެ ދުވަސްތައް ހޭދަކުރީ ސްޕެއިންގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައެވެ. ނަމަވެސް އޭނާގެ މައިންބަފައިގެންގެ އަސްލު ގައުމަކީ މޮރޮކޯ ކަމަށްވުމުން އަޝްރަފް ހަކީމީ ވަނީ ނިންމުން ބަދަލުކޮށް މޮރޮކޯ އިހްތިޔާރުކޮށްފައެވެ.
މިހެންވެ މިރޭ ސްޕެއިންނާ ދެކޮޅަށް ކުޅެން އެންމެ ބޭނުންވެފައިވާ ކުޅުންތެރިއަކީ ވެސް އޭނާއެވެ. ފްރާންސްގެ ޕީއެސްޖީ އަށް މިހާރު ކުޅެމުން އަންނަ ކުޅުންތެރިޔާ ބުނީ މުބާރާތުގައި ދެ ޓީމުން ދައްކާފައިވާ ކުޅުމާއި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މޮރޮކޯދެކެ ސްޕެއިން ޖެހިލުންވާންޖެހޭނެ ކަމަށެވެ. ސަބަބަކީ ބަލިވެގެން ސްޕެއިނަށް ކުރިމަތިވާނެ ޕްރެޝަރު ނުހަނު ބޮޑުވާނެކަން އެންމެނަށް އެނގޭއިރު މިފަދަ ތުރާލެއް މޮރޮކޯ އަށް ނެތީތީއެވެ.
މިރޭގެ މެޗަކީ 1986 ގައި ޖަރުމަނު އަތުން ގަދަ 16 ގައި ބަލިވި ފަހުން މޮރޮކޯ ވޯލްޑް ކަޕު ދެ ވަނަ ބުރު ފަހަނައަޅައި ކުޅޭ ފުރަތަމަ މެޗެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މޮރޮކޯ ދައްކާފައިވާ ކުޅުމަށް ބަލާއިރު މި މެޗު، ވުން ގާތީ ވަރަށް ހަމަހަމަ މެޗަކަށެވެ. ހާއްސަކޮށް މޮރޮކޯގެ ޖިސްމާނީ ވަރުގަދަކަމާއި ހިތްވަރަކީ ސްޕޭނުގެ ކުރިމަތީގައި އެމީހުންގެ ހިތްވަރު އެލިގެންނުދާނެ ސަބަބެވެ. ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މޮރޮކޯ ކުޅުން ގާތީ ޖަޕާނުން ސްޕެއިނާ ދެކޮޅަށް ކުޅުނު ފަދަ ކުޅުމެކެވެ. އެއީ ފަހަތް ދޫކޮށްފައި ކުރިއަރުމުގެ ބަދަލުގައި ލިބޭ ފުރުސަތުގައި ކުރިއަރާފައި ފަހަތުގައި މަޑުކޮށްގެން ތިބުމެވެ.
ޓީމުގެ ކޯޗު ރެގްރަގުއި ބުނީ ސްޕެއިން ބަލިކޮށްފިނަމަ އެކަންވާނީ މޮރޮކޯގެ ފުޓްބޯޅައިގެ ތާރީހުގައި ލިޔާނެ އެންމެ ރަން ސޮފުހާ އަށް ކަމަށާއި ތާރީހު ބަދަލުކޮށްލަން ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އަދި މިރޭގެ މެޗު މޮރޮކޯގެ އެތައް ބަޔަކު ވަގުތުން ބަލާނެއިރު އެމީހުންނަށް އުފާވެރިކަން ގެނެސްދިނުމަކީ ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.
ކޯޗު ބުނީ ސްޕެއިނަކީ އިދިކޮޅު ޓީމަށް ބޯޅަ ނުދީ ކުޅެން މަސައްކަތް ކުރާ ޓީމެއްކަން އެނގޭ ކަމަށާއި މިހެންވެ ކޮންމެހެން އެމީހުން އަތުން ބޯޅަ ހޯދަން މޮރޮކޯއިން ނޫޅޭ ކަމަށެވެ. ސްޕެއިންގެ ސްޓައިލަކީ ކްރޮއޭޝިޔާ އާއި ބެލްޖިއަމް ވެސް ކުޅޭ ސްޓައިލެއް ކަމަށާއި އެ ދެ ގައުމާ ދެކޮޅަށް ކުޅެފައިވުމުން ސްޕެއިން މެޗަށް މިހާރު ވެސް ރަނގަޅަށް ފަރިތަކުރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ އަދި ބުނީ ގޯލެއް ނުޖެހި ގިނައިރުވާ ވަރަކަށް މާޔޫސްކަން ވެރިވާނީ ސްޕެއިނަށް ކަމަށާއި އެމީހުން ބޯޅަ ހިފައިގެން ކިތަންމެ ގިނައިރަކު ތިއްބަސް ގޯލެއް ނުޖެހިދާ ކޮންމެ ސިކުންތަކާއެކު ވެސް މޮރޮކޯ އުފާކުރާނެ ކަމަށެވެ. މިހެންވެ މެޗުގެ ހާސްކަން ބޮޑީ ސްޕެއިނަށް ކަމަށާއި މުބާރާތުގެ ގަދަ އަށަކަށް ނުދެވިގެން މޮރޮކޯ އަށް ގެއްލޭނެ އެއްވެސް އެއްޗެއްނެތް ކަމަށެވެ.
މޮރޮކޯގައި ހުނަރުވެރި ކުޅުންތެރިން ބައިވަރު އެބަ ތިއްބެވެ. ހާއްސަކޮށް ޓީމުގެ ކުރީގަ އާއި މިޑްފީލްޑަރުންގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ގިނައެވެ. ކަނާތު ބެކް އަޝްރަފް ހަކީމީ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެކެވެ. ހާކިމް ޒިޔެޗް އަކީ އެފަދަ ދެވަނައެއްނެތްހާ މޮޅު ކުޅުންތެރިއެކެވެ. އާއްމުކޮށް މޮރޮކޯ ކުޅެނީ 5-1-2-2 ފޯމޭޝަނަށެވެ. މިއީ އިދިކޮޅު ޓީމު ހުއްޓުވަން އެމީހުންނަށް އެންމެ ފަސޭހަ ފޯމޭޝަން ވެސް މެއެވެ.