ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހުރިހާ ފޯކަސްއެއް ހުރީ ކުރިއަށް އޮތް ސްވިޒަލެންޑު މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ސަންޓޯސް މިހެން ބުނީ ސްވިޒަލެންޑު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ރޮނާލްޑޯގެ ސުވާލު ކުރުމުންނެވެ. ނޫސްވެރިޔާ ކުރި ސުވާލަކީ ރޮނާލްޑޯއަށް ސައުދީ އަރަބިޔާގެ ކުލަބެއްގެ ހުށަހެޅުން ލިބިފައިވާތީ އެކަމާ ގުޅޭ ގޮތުންނެވެ. އެކަމާ ގުޅިގެން ސަންޓޯސް ބުނީ އޭނާ ރޮނާލްޑޯއާ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. ސަންޓޯސް ބުނީ ކުޅުންތެރިންނާ އޭނާ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް ރޮނާލްޑޯގެ ހާދިސާގެ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. އޭނާ ބުނީ އެކަން އެނގުނީ ވެސް ޕްރެސް ކޮންފަރެންސް އަަށް އައި ތަނުން ކަމަށެވެ. އަދި އެކަމުގައި ގޮތް ނިންމާނީ ރޮނާލްޑޯ ކަމަށާއި، އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން ސަންޓޯސް ބުނީ، މުޅި ޕޯޗުގަލްގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ ވޯލްޑް ކަޕް މުބާރާތަށް ކަމަށެވެ. އަދި ކުޅުންތެރިންނާ ދައްކާ ވާހަކަ އަކީ ވެސް ޓީމަށް ސަޕޯޓުދީ، ހިތްވަރު ދިނުމުގެ ވާހަކަ ކަމަށެވެ. އޭނާ ބުނީ އިތުރު އެހެން ކަމަކަށް ޓީމުގެ ކުޅުންތެރިންގެ ފޯކަސް މިވަގުތު ހުރި ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.
ސަންޓޯސް ވަނީ އެންމެ ފަހުން ސައުތު ކޮރެއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައޮ ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ކަންތައް ކުރި ގޮތުގެ މައްޗަށް ވެސް ވާހަކަ ދައްކާފައެވެ. ސަންޓޯސް ބުނީ ނޫސްވެރިޔާގެ ސުވާލަކަށްވީ އޭނާ އަށް އެ މަންޒަރުތައް ހިމެނޭ ފޮޓޯތައް ފެނުތޯ ކަމަށާއި، އެ މަންޒަރު އޭނާ އަށް ފެނުން ކަމަށެވެ. އެކަން ފާހަގަ ކުރަމުން ސަންޓޯސް ބުނީ އެއީ އޭނާ އެއްވެސް ވަރަކަށް ގަޔާވި ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަން ހިނގައިދިޔަ ވަގުތު އެންމެނަށް ވެސް އެކަން ފެންނާނެ ކަމަށެވެ. ނަމަވެސް މިހާރު އެވާހަކާގައި "ފުލް ސްޓޮޕް"އެއް ޖަހަން ޖެހޭ ކަމަށާއި، މިހާރު އެންމެން ވެސް ވިސްނުން ހުރީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.
ގަދަ 16އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ދެރަ ޓީމެއް ނޯންނާނެ ކަމަށެވެ. އަދި ޕޯޗުގަލް އާއި ސްވިޒަލެންޑަކީ ވެސް ވަރަށް ވަރުގަދަ ދެ ޓީމު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗު އުނދަގޫވާނެކަން ފާހަގަކުރަމުން އޭނާ ބުނީ، ޕޯޗުގަލް އިން ޤަބޫލު ކުރަނީ މެޗުން މޮޅުވެވޭނެ ކަމަށެވެ.
މުބާރާތުގައި ޕޯޗުގަލް އިން ސްވިޒަލެންޑާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.