Advertisement
ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 18:03
ޖޭއެސްސީގެ މަސައްކަތްތައް
ޖޭއެސްސީގެ މަސައްކަތްތައް
ރާއްޖެއެމްވީ
ޖޭއެސްސީ އިސްލާހުކުރުން
ޖޭއެސްސީ އިސްލާހުކުރުން: ކޮމިޝަންގައި ފަނޑިޔާރުން ހިމަނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތާއީދު
ފަނޑިޔާރުން ކޮމިޝަންގައި ތިބުމުން، ފަނޑިޔާރުންނާމެދު ފިޔަވަޅުއަޅަން ފަނޑިޔާރުން ޖެހިލުންވުމުގެ ފުރުސަތު ކޮންމެވެސް މިންވަރަކަށް އޮވެދާނެ
ކޮމިޝަންގައި އުއްތަމަފަނޑިޔާރު ހިމެނުން ރަނގަޅުވެދާނެކަމާއި، އެ ހާލަތުގައި ކޮމިޝަންގެ ރައީސަކަށް ވާންވާނީ އުއްތަމަފަނޑިޔާރުކަމަށް ބައެއް ފަނޑިޔާރުން ފާހަގަކުރެއްވި

ކޮމިޝަންގައި ފަނޑިޔާރުން ހިމެނެންވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން މި ފަދައިން ފާހަގަކުރެއްވީ ޖޭއެސްސީ އިސްލާހުކުރުމުގެ މަޝްވަރާތައް ފެށުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުން ބާއްވާފައި ވަނީ 2022 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި އެކު ބޭއްވި އެ ބައްދަލުވުމުގައި ގިނަ ފަނޑިޔާރުން ފާހަގަކުރެއްވީ، ފަނޑިޔާރުން ކޮމިޝަންގައި ތިބުމުން ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ފަނޑިޔާރުން ޖެހިލުންވުމުގެ ފުރުސަތު ކޮންމެވެސް މިންވަރަކަށް އޮވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަނޑިޔާރުން ޖަވާބުދާރީކުރުވުމަށް ހުރަސްތަކެއް އެޅިގެންދިޔުމުގެ ފުރުސަތު އޮތުމާއެކު، ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތަކީ 7 ފަނޑިޔާރުން ކަމުގައި އޮންނަ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެކަމަށެވެ. ހަމައެހެންމެ އެ ސަބަބަށްޓަކައި ކޮމިޝަންގެ ރައީސަކީވެސް ފަނޑިޔާރެއްކަމުގައި ވުމަކީ ރަނގަޅު ކަމެއް ކަމަށް ނުވެދާނެކަމަށް ފަނޑިޔާރުން ގަބޫލުކުރައްވައެވެ.

Advertisement

މީގެ އިތުރުން ކޮމިޝަންގައި އުއްތަމަފަނޑިޔާރު ހިމެނުމާމެދު ކުރެވުނު މަޝްވަރާގައި، ކޮމިޝަންގައި އުއްތަމަފަނޑިޔާރު ހިމެނުން ރަނގަޅުވެދާނެކަމާއި، އެ ހާލަތުގައި ކޮމިޝަންގެ ރައީސަކަށް ވާންވާނީ އުއްތަމަފަނޑިޔާރުކަމަށް ބައެއް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ބައެއް އެހެން ފަނޑިޔާރުން ފާހަގަކުރެއްވިގޮތުގައި އުއްތަމަފަނޑިޔާރު ކޮމިޝަންގައި ހިމެނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ފަނޑިޔާރުން ވިދާޅުވީ އެއީ، ގާނޫނީ ހުއްޖަތެއް އެކަމުގައި އޮތް ކަމެއް ކަމަށް ނުވުމުގެ އިތުރަށް، ޕްރެކްޓިކަލް ކަމެއް ކަމަށްވެސް ނުވެދާނެކަމަށެވެ.

އެގޮތުން، އުއްތަމަފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ކަމުގައިވެފައި، އުއްތަމަފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތަކީ މިހާރުވެސް އޭގެ ޒާތުގައި ބޮޑު މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އެ މަސްއޫލިއްޔަތުގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންފަދަ ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނަމަ، ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަންގެ މެންބަރުންގެ ގޮތުގައި، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާ ފަނޑިޔާރުން ހިމެނުމަކީ ރަނގަޅު ކަމެއްކަމުގައި ވެދާނެކަމާއި، އެހެންނަމަވެސް އެއީ މިވަގުތު އެންމެ އެކަށީގެންވާކަމެއްތޯ ވިސްނާލުން މުހިންމު ކަމުގައި ބައެއް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ކޮމިޝަންގެ މެންބަރުން ޢައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށް ފަނޑިޔާރުން ގަބޫލުކުރައްވައެވެ. އެ ކޮމިޝަނަށް މެންބަރުން ހޮވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޮމިޝަންގެ މެންބަރުކަމުގެ ދައުރު ކަނޑައެޅުން އެންމެ ރަނގަޅީ، އެ މެންބަރުން ދެވަނަ ދައުރަކަށް އައްޔަންކުރެވޭ ނުވަތަ އިންތިޚާބުނުކުރެވޭ ގޮތަށް ހަމަޖެއްސުން ކަމާއި، މަގާމުގެ މުއްދަތުގެ ގޮތުގައި ތިން އަހަރާ ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނުވަތަ ދައުރެއް ކަނޑައެޅުން ރަނގަޅުވެދާނެ ކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް