މާލޭ ސިޓީގެ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށީ ހޮނިހިރު ދުވަހުއެވެ. ދެވަނަ ސެގްމަންޓުގެ ދަށުން ކުރިއަށްގެންދަނީ އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ކަންމައްޗާ ހިސާބުގެ މަސައްކަތެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުން ފިޔަވައި ކުރަން ޖެހޭ އެހެން ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. ތާރު އެޅުމުގެ މަސައްކަތް އަދި ނުފަށަނީ، އަމީނީ މަގުގައި ތާރު އަޅަން ހަމަޖެހިފައިވަނީ ދެ ބަޔަަކަށް ބަހާލައިގެން ކަމަށްވާތީއާއި، ފުރަތަމަބައިގައި ތާރު އަޅަން ހަމަޖެހިފައިވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާ ހިސާބަށް މަސައްކަތް ކުރިއަށްގެންދެވުމުން ކަމަށްވެސް އާރުޑީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ތާރު އަޅަން ނުފެށިނަމަވެސް، މަސައްކަތް ނިމޭވަރަކުން މަގުގައި ބަންދުކުރާ ސަރަހައްދުތައް ވެހިކަލް ދުއްވޭގޮތަށް އަންނަނީ ހުޅުވާލަމުންނެވެ.
އެ ކުންފުނިން ބުނީ، އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ކުންފުނިން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެން ކަމަށެވެ. އެގޮތުން، 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެގޮތަށް މަސައްކަތް ކުރެވޭ ގޮތަށް ރޭވިފައިވާ ކަމަށްވެސް އެ ކުންފުނިން މީގެ ކުރިން ފާހަގަ ކޮށްފައި ވެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފެށީ 12 ސެޕްޓެމްބަރު 2022 ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރުޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ (7 މަސް ދުވަހުގެ) ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު، މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސަރވޭއާއި ޖިއޯޓެކްނިކަލް ސަރވޭއާއި ހައިޑްރޮޖިކަލް ސަރވޭގެ އިތުރުން އީއައިއޭ ހަދާފައެވެ.
އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމު ޑިޒައިންކޮށްފައިވަނީ އަމީނީމަގުގެ ދެފަރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ބިނާކޮށް، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.
މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.
އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި، ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގުޝަންތަކެއްވެސް ބަހައްޓާނެއެވެ.