ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 06:18
އެމެރިކާގެ ކޯޗު ބްރަހޯލްޓާ
އެމެރިކާގެ ކޯޗު ބްރަހޯލްޓާ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބްރަހޯލްޓާގެ އިތުބާރު ކުޅުންތެރިންނަށް، އެދެނީ ނަތީޖާ އަށް އިންތިޒާރު ކުރަން
 
ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި، ކުރި މަސައްކަތަށް ބަލާއިރު، ދުރަށް ނުދެވޭންވީ ސަބަބެއް ނެތް

އެމެރިކާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެންމެ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް އެ ޓީމުގެ ކޯޗު ގްރެގް ބްރަހޯލްޓާ ބުނެފިއެވެ.

އޭނާ މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަަދަ 16 ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ބްރަހޯލްޓާ ބުނީ ދެ ވަނަ ބުރަށް ދިޔުމަކީ އޭނާ އާއި، ކުޅުންތެރިންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމައެއާއެކު ގަދަ 16އާ ހަމައިން މުބާރާތް ނިންމާލަން ބޭނުންނުވާކަން ފާހަގަ ކުރަމުން ބްރަހޯލްޓާ ބުނީ، ބޭނުންވަނީ ދެވެން އޮތް އެންމެ ދުރަކަށް ދިޔުން ކަމަށެވެ. އޭނާ ބުނީ އެމެރިކާ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި، ކުރި މަސައްކަތަށް ބަލާއިރު، ދުރަށް ނުދެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ޓީމުގައި ހިމެނޭ ޑިފެންޑަރު ސާޖީނިއޯ ޑެސްޓުގެ ފަރާތުން މުބާރާތުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެންނަ ކަމަށެވެ. ބްރަހޯލްޓާ ބުނީ، ވިސްނުންތެރިކަމާއެކު ކުޅޭ ޑެސްޓު އަންނަނީ އެހެން ލެވެލްގައި ފައިތިލަ ސާބިތުކުރަމުން ކަމަށެވެ. އޭނާ ބުނީ ޑެސްޓަކީ އެމެރިކާ ޓީމަށް ލިބުނު ނަސީބެއް ކަމަށާއި، ޕެނަލްޓީ ބޮކްސްގައި އޭނާ ދައްކާ ކުޅުމަށް ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. ބްރަހޯލްޓާ ބުނީ ޑެސްޓާމެދު އުފާވާ ކަަމަށާއި، ކުރިއަށް އޮތް މެޗުގައި އޭނާގެ މުހިންމުކަން ޓީމަށް ދައްކައިދޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

ބްރަހޯލްޓާގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން އެމެރިކާ ޓީމުގެ މިޑްފީލްޑަރު ޓައިލާ އެޑަމްސް ބުނީ ނެދަލެންޑްސް އަކީ ވަރަށް މޮޅު، ކޮލިޓީ ޓީމެއް ކަމަށެވެ. ޚާއްސަކޮށް ކޯޗު ވެންހާލް ޓީމާ ހަވާލުވި ފަހުން އަނެއްކާ ވެސް އެމީހުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށް ޓައިލާ ބުންޏެވެ. އޭނާ ބުނީ ނެދަލެންޑްސް ކަހަލަ މަތީ ފަންތީގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ކުޅުންތެރިން އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށެވެ. ޚާއްސަކޮށް ގަދަ 16 ގެ މެޗަކީ ވަރަށް ސަމާލުވާން ޖެހޭ މެޗެއް ކަމަށާއި، މުބާރާތުގައި ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި އެމެރިކާ އިން ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް