ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:34
ޕޯޗުގަލްގެ ކޯޗު ސަންޓޯސް
ޕޯޗުގަލްގެ ކޯޗު ސަންޓޯސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ސައުތު ކޮރެއާ މެޗުގައި ރޮނާލްޑޯ ނުފެނިދާނެ
 
އޭނާ ބުނީ މިވަގުތަށް ރޮނާލްޑޯ މެޗުން ފެނުމާމެދު އޮތީ 50-50 ޗާންސެއް ކަމަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުތު ކޮރެއާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުންނައިރު ޕޯޗުގަލް ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފައެވެ. އެހެންކަމުން މި މެޗުގައި އެ ޓީމުގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކޮރެއާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސަންޓޯސް ބުނީ، ރޯނާލްޑޯ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށާއި، ފަރިތަކުރުންތައް ރަނގަޅަށް ގޮސްފި ނަމަ މެޗުގައި ރޮނާލްޑޯ ފެންނާނެ ކަމަށެވެ. އަދި މިވަގުތަށް ރޮނާލްޑޯ މެޗުން ފެނުމާމެދު އޮތީ 50-50 ޗާންސެއް ކަމަށެވެ. އޭނާ ބުނީ އެކަން ބިނާވެގެންދާނީ ކޮރެއާ މެޗުގެ ކުރިން ކުރިއަށް ގެންދާ ފަރިތަކުރުމުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން ސަންޓޯސް ބުނީ، އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު ކަމަށާއި، އޭނާ އުއްމީދު ކުރަނީ އެެއްވެސް ކަމެއް ގޯސްނުވެ ރޮނާލްޑޯ އަށް ކުޅެވޭނެ ކަމަށެވެ.

އެކަން ބިނާ ވާނީ ފަހުން އަހަރުމެން ކުރިއަށް ގެންދާ ޓްރެއިނިންގެ މައްޗަށް. އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ ހަމަ އެގޮތަށް، އެ އުސޫލު. އަހަރެން އުއްމީދު ކުރަނީ އެއްވެސް ކަމެއް ގޯސްނުވާނެ ކަމަށް އަދި ރޮނާލްޑޯ އަށް ކުޅެވޭނެ ކަމަށް.
ފެނާންޑޯ ސަންޓޯސް / ޕޯޗުގަލްގެ ކޯޗު

ރޮނާލްޑޯއާ ގުޅޭ ގޮތުން އިތުރަށް ސަންޓޯސް ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ބަދަލުކޮށްފައިވާނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ އަށް ނުކުޅެވޭ ނަމަ އެކަމުގެ ބަދަލަށް އެހެން ޕްލޭނެއް ވެސް ޓީމުގައި އޮތް ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކީ ހުރިހާ މެޗެއްގައި ކުޅެވޭނެ ކުޅުންތެރިޔެއް ނޫން ކަމަށާއި ރޮނާލްޑޯ އަށް ނުކުޅެވޭ ނަމަ އޭގެ ބަދަލަށް އެހެން ޕްލޭނެއް ނެތުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ސަންޓޯސް ބުނީ ޕޯޗުގަލް ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށެވެ. އަދި ޔަގީނުން ވެސް މެޗުގައި ނުކުޅެވޭނެ ތިން ކުޅުންތެރިޔަކު ތިބި ކަމަށާއި، އެހެން ކުޅުންތެރިންނަށް ވާނެ ގޮތެއް ޖެހޭނީ ބަލަން ކަމަށެވެ. އޭނާ ބުނީ އެންމެނަށް ވެސް އެނގޭނެހެން ޕޯޗުގަލް ކުޅުންތެރިން ތިބީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ނަމަވެސް ކޮންމެ ހަތަރު ދުވަހަކުން މެޗެއް ކުޅެން ޖެހުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ކަންބޮޑުވުންތަކެއް ކުރިމަތިވާނެ ކަމަށާއި، އެ ކަންބޮޑުވުންތަކުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު ސަންޓޯސް ބުނީ ކޮންމެ މެޗަަކަށް ވެސް ޖެހޭނީ އަމިއްލަ ނިންމުންތަކެއް ނިންމަން ކަމަށާއި، އަބަދުވެސް ކުޅެން ޖެހޭނީ އެވަގުތަކު އެންމެ އިތުބާރު ކުރެވޭ ކުޅުންތެރިންނާއެކު ކަމަށެވެ. އޭނާ ބުނީ އެގޮތަށް ކަންކަން ނިންމަން ޖެހޭނީ ވެސް އެންމެ ފަހުގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ.

މުބާރާތުގައި ކޮރެއާ އަދި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
0%
0%
40%
40%
0%
ކޮމެންޓް