ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހުމުން ޖަޕާންގެ ކުޅުންތެރިން އުފާކުރާނެއެވެ. އެއީ ސްޕެއިނަކީވެސް އެމީހުން ކުޅޭ ވައްތަރުގެ ފުޓްބޯޅަ ކުޅެން މަސައްކަތްކުރާ ޓީމަކަށްވީތީއެވެ. މި ދެބައި މީހުންނަކީވެސް ތިރިން ޕާސްކޮށްގެން ކުޅެން ބޭނުންވާ ދެ ޓީމެވެ. މިހެންވެ ޖަޕާނުގެ ކުޅުންތެރިން ދެކެނީ ސްޕެއިން ކައިރީގައި އެމީހުންނަށްވެސް ބޯޅަ ކުޅެން ފުރުސަތު ލިބި, ގޯލު ޖަހަން ފުރުސަތު ތަނަވަސް ކުރެވޭނެ ކަމަށެވެ.
ކޯޗު ހާޖިމީ މޮރިޔާސޫގެ ޓީމު މިރޭ ބައްޓަންކުރަނީވެސް ސްޕެއިން ބަލިކުރެވޭނެ އަކަކޮޑިތައް ހަމަކޮށްގެންނެވެ. ނަމަވެސް އޭނާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުހިންމު ބައެއް ކުޅުންތެރިން މުޅިން ފިޓްނުވުމެވެ. ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫއާއި ހިރޮކީ ސަކާއީގެ ކުޑަކަޅުވާއަށް ވަނީ ހާނީއްކަވެފައެވެ. މި ދެ ކުޅުންތެރިންނަށް މެޗަށް އެރޭނެކަން ޔަގީންވާނީ އެންމެ ފަހު ވަގުތުއެވެ. މިޑްފީލްޑަރު ވަޓަރޫ އެންޑޫގެ ކަކުލަށް ފަރިތަކުރުންތަކުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި މެޗު ގެއްލޭނެކަން ގާތްގަނޑަށް ވަނީ ޔަގީންވެފައެވެ. މި މައްސަލަތަކާހުރެ ކޯޗު ފިކުރުބޮޑުވެފައިވަނީ މި މަގާމުތަކަށް ކުޅޭނެ އެ ފެންވަރުގެ ކުޅުންތެރިން ސްކޮޑުގައި ނެތުމުންނެވެ.
އަނެއްކޮޅުން ތަޖުރިބާކާރުންގެ ނަޒަރުގައި ޖަރުމަނު ބަލިކޮށް، ޖަޕާން ހޯދި ރީތި ނަމާއި ގިނަ ބައެއްގެ އިހްތިރާމް މިހާރަކު ނެތެވެ. ސަބަބަކީ ކޮސްޓަރިކާ އަތުން އެމީހުން ހީނުކުރާ ގޮތަކަށް ބަލިވުމެވެ. މިހެންވެ ޖަޕާނަކީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެވޭނެ ބައެއްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ.
ޖަޕާނުން އެންމެ ބޭނުންވާ ފޯމޭޝަނަކީ 4-2-3-1 (ފޯ، ޓޫ، ތްރީ، ވަން)އެވެ. ދެ ހޯލްޑިންގ މިޑްފީލްޑަރުންނާއި ކުރީގައި އެންމެ ފޯވަޑަކު ހުރެގެން ކުޅެން އެމީހުން ބޭނުންވާއިރު، ދެ ވިންގުން ކުޅެން ހަލުވި ކުޅުންތެރިންގެ ބޭނުންހިފާނެއެވެ. ފަހަތް ޕެކްކޮށް ބާއްވާއިރު، ބައެއްފަހަރު އެޓޭކްގައި ޑިފެންޑަރުން ބައިވެރިވާނެއެވެ. މިހެންވެ ޖަޕާނަކީ ކައުންޓަރ އެޓޭކްގައި ވަރަށް ނުރައްކާތެރި ޓީމެކެވެ. ޖަޕާނުން ގަބޫލުކުރާގޮތުގައި މިއީ ސްޕެއިނާއި ޖަރުމަނު އޮބަހައްޓަން އެންމެ މޮޅު ގޮތްވެސްމެއެވެ. ޖަރުމަނާ ދެކޮޅަށް ކާމިޔާބުކުރިނަމަވެސް މިއީ ސްޕެއިންފަދަ ހުނަރުވެރި އަދި އެކުލަވާލެވިފައި އޮތް ޓީމެއް ބަލިކުރަން މޮޅު ގޮތެއްތޯ ސުވާލުކުރާ މީހުންވެސް މަދެއް ނޫނެވެ.
ޖަޕާން ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޮޅު ވަރުގަދަ ފޯވާޑެއް ނެތުމުގެ މައްސަލައެވެ. ފުލްބެކަށް ކުޅެން މިހާރު ތިބި ކުޅުންތެރިންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެމީހުންނަށްވުރެ މޮޅަށް ޒުވާން ކުޅުންތެރިން ޕަރފޯމް ކުރުމެވެ.
ކޯޗު މޮރިޔާސޫ ބުނީ އޭނާ އެދެނީ މި މެޗުގައި ކުޅުންތެރިން އެމީހުންގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށާއި، ޖަޕާންގެ ރައްޔިތުން ތިބީ ކުޅުންތެރިން ހަދާ އެއްޗެއް ބަލަން ކަމަށެވެ. އަދި ކުރާ ކޮންމެ މޮޅު ކަމަކާއި ހޯދާ ކޮންމެ މޮޅަކާއެކު މުޅި ގައުމު އުފާކޮށް ފަޚުރުވެރިވާއިރު، ލިބޭ ކޮންމެ ދެރައަކީ އެތައް ރައްޔިތުންނަކަށް ކުރިމަތިވާ ވަރަށް ބޮޑު ވޭނީ އުދާހެއް ކަމަށެވެ. މޮރިޔާސޫ ބުނީ ޖަޕާންގެ ޖެ ލީގު ވަރުގަދަކޮށް، ފުޓްބޯޅަ ކުރިއަރުވަން އެންމެން ކުރަމުންދާ މަސައްކަތަށް ލިބޭނެ އެންމެ ބޮޑު ބާރަކާއި ފޮނި މޭވާއަކަށްވާނީ ވޯލްޑްކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ. މިހެންވެ ކޮންމެހެންވެސް ދެވަނަ ބުރަށްދާން ގުރުބާނީތަކެއް ވާންޖެހޭ ކަމަށެވެ.