އިންޑިއާއިން ރާއްޖެއަށް ދޭން ހަމަޖައްސާފައިވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މި ފައިސާ ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ބައެއް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4ށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ.
މި ރަސްމިއްޔާތުގައި "ސިމްބޮލިކް" ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް. ޖައިޝަންކަރު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.