ބަޖެޓަށް ވޯޓަށް ނުއައްސަވާ ވާނެ ގާނޫނީ ހަމައެއް އޮތް ނަމަ ވޯޓަށް ނުއައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވަމުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހުން ފާސް ކުރުމަކީ ބިރުވެރިކަމެއް ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވެސް ތާއީދުނުކުރުން ކަމަށާއި ބަޖެޓާ މެދު އެ މެންބަރުންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއަށް ފަހު މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓް ވޯޓަށް އަހަމުން ދިޔަ ވަގުތު ވެސް ޝިޔާމް ވަނީ އެ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.
ޝިޔާމްގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ވޯޓަށް ނުއައްސަވާ ވާނެ ގޮތެއް އޮތް ނަމަ އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރަށާއި އެހެން އިއްޒަތްތެރި މެންބަރުންނަށް ވެސް ދަންނަވާލާނަން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި އެބަ އޮތް ހަރަދެއް ނުކުރައްވަމޭ. ދެން ޝަރީއަތުން އެކަން ނިންމަން ޖެހޭނީ އަޅުގަނޑަށް އެކަން ނިންމޭކަށް ނެތް. އަޅުގަނޑަށް އެއަށް ވޯޓަށް އަހަން ޖެހޭ. ކިރިޔާވެސް ނާހާ ފުރުސަތެއް ގާނޫނީ ގޮތުން އަޅގަނޑަށް އޮތް ނަމަ އަޅުގަނޑު ނާހާނަންރައީސް ނަޝީދު
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މި އަހަރުގެ ބަޖެޓް ހަރަދުކޮށް ހުސްކޮށްފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީ އިން އެކަން ދޮގުކުރެއެވެ. 2023 ވަނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު, ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވިއެވެ.