ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 13:00
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ކިންގް ސަލްމާން މިސްކިތް
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވި މައްސަލަ އެއްކޮށް ހައްލުކުރަން ތިން ހަފްތާ ނަގާނެ
މައްސަލަ ޖެހިފައިވަނީ އެއަރކޮންޑިޝަން ސިސްޓަމުގެ ފިލްޓަރުތަކުގައި

ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތުރުކީވިލާތުގެ ޓެކްނީޝަނުންގެ ޓީމަކުން ފަށާފައިވާއިރު އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވި މައްސަލަ އެއްކޮށް ހައްލުކުރަން ތިން ހަފްތާ ނަގާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މައްސަލަ ޖެހިފައިވަނީ އެއަރކޮންޑިޝަން ސިސްޓަމުގެ ފިލްޓަރުތަކުގައި ކަމަށެވެ. އަދި ތުރުކީވިލާތުން އެއަރ ފްރައިޓްކޮށް ފިލްޓަރުތައް ގެންނަން އޯޑަރު ދީފައިވާއިރު ކަމަށާއި މި ހަފްތާގައި ފިލްޓަރުތައް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފިލްޓަރުތައް އެޅުވުމުން މިހާރުން މިހާރަށް މައްސަލަ ހައްލުވެ، މިސްކިތަށް ފިނިވާނެ ކަމަށެވެ. އެހެންނަމަވެސް މުޅި ސިސްޓަމަށް ދިމާވީ މައްސަލަ އެއްކޮށް ހައްލުކުރަން ތިން ހަފްތާ ނަގާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ސަލްމާން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު މަޑުކަމުންނާއި ކަރަންޓުގެ ބައެއް މައްސަލަ ދިމާވެގެން އާންމުން ވަނީ އެކަމާއި ޝަކުވާކޮށްފައި ކަމަށެވެ. އަދި ސަލްމާން މިސްކިތަށް އެތައްހާސް ބަޔަކު މީގެކުރިން ހުކުރު ނަމާދަށް ދިޔައިރު ވެސް އެ މިސްކިތުގައި އޭސީ ނިއްވާފައި ހުރުމުން އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށެވެ.

Advertisement

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ތުރުކީގެ ޓީމުން މި ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ސައުންޑް މައްސަލަ ވެސް ހައްލުވެގެންދާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިސްކިތް އެންމެ ފުރަތަމަ ހުޅުވިއިރު ވެސް ސައުންޑް މައްސަލަ ޖެހުނު ކަމަށެވެ. އަދި އެންމެން ބޮޑު ދަތިކަމަކާއި ދިމާވަނީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ރާއްޖެއިން ނުލިބޭތީ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. އެއީ ސައޫދީ އަރަބިއްޔާގެ އެހީގައި އަޅާފައިވާ މިސްކިތަކަށްވުމުން، މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އެ ގައުމުގެ ވަފުދެއް ރާއްޖެ އައުމުންނެވެ. އެ ވަފުދު ރާއްޖެ ނައިސް ގިނަ ދުވަސްވުމުގެ ސަބަބުން މިސްކިތުގެ މަސައްކަތް ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެތަން ނުހުޅުވާ ހުއްޓެވެ.

ސަލްމާން މިސްކިތް ނުރަސްމީކޮށް ހުޅުވިތާ ހަތް މަސް ދުވަސްވެފައިވާއިރު އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުގެ ވަފްދު އެތަން ރަސްމީކޮށް ހުޅުވުމަށްޓަކައި ރާއްޖެ އަންނާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
27 ނޮވެންބަރ 2022 | އާދީއްތަ 19:45
އަލީ
ހިތާމަހުރި ކަމެށް ތިކަމުގަ ދިވެހިން ބައިވެރި ނުކޮ ކަންތައް ކުރީމަ ވާންވީ ގޮތް ތިވަނީ