ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 12:04
ޑެޝޯމްޕްސް އަދި އެމްބާޕޭ
ޑެޝޯމްޕްސް އަދި އެމްބާޕޭ
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
ޑެޝޯމްޕްސްގެ ހުއްޓުމެއް ނެތް ތައުރީފު އެމްބާޕޭ އަށް
ތަށި ދިފާއުކުރުމުގެ ޗެލެންޖުގައި ބޭނުންވަނީ "ރަނގަޅު" އެމްބާޕޭ އެއް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޑެންމާކު އަތުން މޮޅުވި މެޗުގައި ކީލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އޭނާ އަށް ތައުރީފުކޮށްފިއެވެ.

މެޗުގެ ފަހުން ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަކީ ހުނަރުވެރި، މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެތައް ފަހަރަކު އޭނާ އެ ވާހަކަ ބުނެފައިވާނެ ކަމަށެވެ. ޑެޝޯމްޕްސް ބުނީ މޮޅަ ކުޅުމުގެ ހުނަރާއި، ތަފާތު ދެއްކުމުގެ ޤާބިލްކަން އެމްބާޕޭގެ އެބަހުރި ކަމަށެވެ. ޑެޝޯމްޕްސް ބުނީ މެޗުގައި ޑެންމާކުގެ ކުޅުންތެރިން ވަރަށް ބޮޑަށް އެމްބާޕޭ ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމްބާޕޭ އަށް އެހީވާނެ އިތުރު އެހެން ކުޅުންތެރިން ޓީމުގައި ތިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެޝޯމްޕްސް ބުނީ ޓީމުގައި ތިބި އެހެން ކުޅުންތެރިންނާއެކު އެމްބާޕޭ އަންނަނީ މޮޅަށް ކުޅެމުން ކަމަށެވެ. ޑެޝޯމްޕްސް ބުނީ މި ވޯލްޑް ކަޕްގައި އެމްބާޕޭގެ ޓާގެޓަކީ ފްރާންސް ޓީމާއެކު މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ މާ ކުރިން ވެސް އެމްބާޕޭ އޮތީ އެ ގޮތަށް ވިސްނާފައި ކަމަށެވެ. އޭނާ ބުނީ ފްރާންސް ޓީމަށް ތަށި ދިފާއުކުރުމުގެ ޗެލެންޖުގައި ބޭނުންވަނީ "ރަނގަޅު" އެމްބާޕޭ އެއް ކަމަށެވެ.

މި ވޯލްޑް ކަޕަށް އެމްބާޕޭ ވަނީ އޭނާގެ ގޯލެއް ކަނޑައަޅާފައި، އެއީ ފްރާންސްއާއެކު މުބާރާތް ކާމިޔާބުކުރުން. އެކަމުގެ ޗެލެންޖުގައި ބޭނުންވަނީ ރަނގަޅު އެމްބާޕޭއެއް.
ޑިޑިއޭ ޑެޝޯމްޕްސް / ފްރާންސްގެ ކޯޗު

ޑެޝޯމްޕްސް ބުނީ އަބަދުވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެކަމަކު އެކަން ދިމާވާ ސަބަބަކީ އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން ތިބުން ކަމަށެވެ. އޭނާ ބުނީ ޑެންމާކު މެޗުގައި ފްރާންސް ޓީމުގެ ކުޅުންތެރިން ދެއްކީ ތަފާތު ކުޅުމެއް ކަމަށާއި، މެޗުން މޮޅުވުމަށް ކުޅުންތެރިން އެދިއެދި ތިބި މިންވަރު އޭނާ އަށް ފެނުނު ކަމަށެވެ. ޑެޝޯމްޕްސް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާމެދު ވެސް އޭނާ ފަޚުރުވެރިވާ ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ފްރާންސް ވަނީ މޮޅުވެފައެވެ. އެ ޓީމަށް ބާކީ ދެން އޮތީ ޓިއުނީޝިޔާ މެޗެވެ. ފްރާންސް އަކީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަަމަ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް