ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 12:07
ޖަޕާން މޯލްޑިވްސް ފެސްޓިވަލްގެ ތެރެއިން
ޖަޕާން މޯލްޑިވްސް ފެސްޓިވަލްގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެ އާއި ޖަޕާނުގެ ގުޅުން
ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި އޮންނަ ގައުމަކަށް ޖަޕާން ވާނެ: ސަފީރު
ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި

ރާއްޖެ އަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި އޮންނަ ގައުމަކަށް ޖަޕާން ވާނެކަމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި "ޖަޕާން މޯލްޑިވްސް ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި "ރާއްޖެ އެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައެވެ. އޭނާ ވިދާޅުވީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ދެ ގައުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމްކުރާ ދެ ގައުމު ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން ރާއްޖެ އަށް އެހީތެރިވުމުގައި ކުރިއެކޭ އެއްފަދައިން އަދިވެސް ޖަޕާނުން ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖަޕާން މޯލްޑިވްސް ފެސްޓިވަލް" އާއި ގުޅޭގޮތުން އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރުމަށް މިފަދަ ފެސްޓިވަލްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން މި ފަދަ ފެސްޓިވަލެއް ބާއްވާފައިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާއްމުންގެ ފަރާތުން ފެސްޓިވަލަށް ލިބުނު ތަރުހީބަށް ބަލާލުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހަވީރު 4:00 އިން 22:00 އަށް ކުރިއަށްގެންދިޔަ ފެސްޓިވަލަކީ ޖަޕާނާއި ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ މައުލޫމާތު ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ. ފެސަޓިވަލްގެ ތެރެއިން މާޝަލް އާޓްސްގެ ހަރަކާތްތަކާއި، ދިވެހިންގެ މެދުގައި މަޝްހޫރު ޖަޕާނުގެ ކެއުމެއްކަމަށްވާ "ސޫޝީ" ތައްޔާރުކުރާނެ ގޮތް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ޖަޕާނުގެ ސަގާފީ ހެދުން ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ފެސްޓިވަލްގެ ތެރެއިން ވަނީ ހޯދާދީފައެވެ. ހަމައެހެންމެ ޖަޕާނާއި ގުޅުން ހުރި ބައެއް ކާނާގެ ބާވަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ފެސްޓިވަލްގެ ތެރެއިން ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި މަޝްހޫރު ޖަޕާން މިލްކް ބްރެޑް އާއި ޖަޕާނުގައި ހިކިމަހުން ތައްޔާރުކުރާ ކެއުުމުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ޔަމާކީ"އިން އުފައްދާ މަހުގެ ބާވަތްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

- ކޮމެންޓް