ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 14:28
އިލެކްޝަން ކޮމިޝަނުން ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ
އިލެކްޝަން ކޮމިޝަނުން ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ
އިލެކްޝަންސް ކޮމިޝަން
2023ގެ ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮއްޓާ ގުޅޭގޮތުން މަޝްވަރާކޮށްފި
އިންތިޚާބުގެ އަމަލީ މަސައްކަތްތައް ފަށައިގަނެވޭނީ އަންނަ އަހަރު
ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ލަފާކޮށްފައި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ން, މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއެކު މަޝްވަރާކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތަކާ ގުޅޭގޮތުން ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ އިންތިޚާބުގެ އަސްލު ތައްޔާރީތައް ފެށުމުގެ ކުރިން ކުރާ މަސައްކަތެއް ކަމަށެވެ. އެހެންވެ، އެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނުނިންމާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޖީ ވިދާޅުވިގޮތުގައި އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އެ ކޮމިޝަނުން މިހާރު ދަނީ ވަމުންނެވެ. އެގޮތުން، އިދާރީގޮތުން ކުރަންޖެހޭ ބައެއް ކަންކަމުގެ ތެރެއިން، އިންތިޚާބާ ގުޅުންހުރި އިދާރާތަކާ ބައްދަލު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އިންތިޚާބުގެ އަމަލީ މަސައްކަތްތައް ފަށައިގަނެވޭނީ އަންނަ އަހަރުއެވެ.

2023 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް މިހާރު ވަނީ ހިމަނައިފައެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާއިރު އިންތިޚާބަށް ކަނޑައަޅާފައިވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ ބަޖެޓުގެ ބަހުސް މަރުހަލާއެވެ. ބަޖެޓް ފާސްކުރަން ނިންމާފައިވަނީ މި މަހުގެ 28ގައެވެ.

އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިފާގޮތުގައި އެ ބަޖެޓުން ބޭއްވޭނީ އިންތިޚާބުގެ އެންމެ ބުރެކެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ އިތުރު ފައިސާ ބޭނުންވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، މިހާތަނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެއްވާފައެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ދޭނީ ޕްރައިމަރީއަށް ފަހުއެވެ. ޕްރައިމަރީ ބާއްވާ ތާރީހެއް އެ ޕާޓީން މިހާތަނަށް އިއުލާނެއް ނުކުރެއެވެ.

- ކޮމެންޓް