ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 13:19
ކ. މާފުށި
ކ. މާފުށި
ސޯޝަލްމީޑިއާ
މާފުށީ ކައުންސިލްގެ ބަޔާން
ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެގޮތުގައި މާފުށި ސިފަކުރުމަކީ ޒިންމާދާރުކަމެއްނޫން: ކައުންސިލް
ހަށިވިއްކުމުގެ އެއްވެސް ހާދިސާއެއް ހިނގައިގެން އެކަން ރެކޯޑުކުރެވިފައެއްނުވޭ
މާފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ފަތުރުވެރިކަން އެންމެ ބޮޑަށް ފުޅާވެފައިވާ އޮތް ރަށް

މާފުއްޓަކީ ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ސިފަކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މާފުށީ ކައުންސިލުން މިހެން ބުނެފައިވަނީ "މިހާރު" ނޫހުގައި މާފުއްޓާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި މާފުށީ ކައުންސިލުން ބުނީ، އެއްވެސް ކަމަކީ އެންމެން ރުހޭ ކަމަކަށް ނުވެދާނެކަމަށާއި، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުމަށް ނުރުހޭ މީހުންވެސް އުޅޭނެ ކަމަށް އެ ކައުންސިލުން ދެކޭކަމަށެވެ.

އެ ރިޕޯޓުތަކުގައި، މާފުށީގައި ހަށިވިއްކާކަމަށް ބުނެފައިވާތީ އެ ވާހަކަތަކަށް ރައްދުދީ މާފުށީ ކައުންސިލުން ބުނީ، އެފަދަ އެއްވެސް ހާދިސާއެއް ހިނގައިގެން އެކަން ރެކޯޑުކުރެވިފައި ނުވާކަމަށާއި، ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މާފުށި ސިފަކުރުން ޒިންމާދާރު ނޫން ކަމަށެވެ. އަދި އެރަށުގައި ދިރިއުޅޭ މީހުންނާއި ރަށަށް އަރާފައިބާ ދެ ޖިންސުގެ މީހުންނަކީ ހަށި ގަނެ، ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ކަމުގައި ދެކޭނަމަ އެއީ އެގޮތަށް ދެކޭ ބައެއްގެ ހުރި އުނިކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރާއްޖޭގެ އެކި ރަށްރަށުގައި ތަކުރާރުވަނީ ލޯކަލް ޓޫރިޒަމްގެ ސަބަބުން ނޫންކަމަށާއި، ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ އިދާރާތައް މަސައްކަތް ކުރަންޖެހޭނީ އެ މާހައުލަކާ އެކަށޭނަ ގާބިލުކަން ލިބި ތިބެގެންކަން ކައުންސިލުންވެސް ގަބޫލުކުރާ ކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.

މާފުށީ ރައްޔިތުން، ފަތުރުވެރިކަމަކީ ރަލާއި އޫރު މަހާ ނުލައި ކުރިއަށްގެންދެވިދާނެ ވިޔަފާރިއެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވާކަން ފާހަގަކޮށް، އެ ރަށު ކައުންސިލުން ބުނީ ފަތުރުވެރިން މާފުއްޓަށް ދަނީ އެ ރަށުގެ ރީތިކަން ބަލާލައި، ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން، ސިޔާސީ ނިޔަތުގައި ކަންކަން ނަގައިގެން ސަރުކާރަށް ފާޑުކިޔުމުގެ ރޫހުގައި ތެދުވުމުގެ އާދަ ދޫކޮށް، އީޖާބީ ހުށަހެޅުންތަކަށް ކައުންސިލުުން މަރުހަބާ ކިޔާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މާފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން އެންމެ ބޮޑަށް ފުޅާވެފައިވާ އޮތް ރަށެވެ.

- ކޮމެންޓް