އިއާދަކުރަނިވި ހަކަތައާ ގުޅޭ ފަންނަނީ މައުލޫމާތު ނެތުމުން އެއީ މި ރޮނގުން ކުރިއަށްދާން އޮތް ހުރަހެއް ކަމަށް ދިވެހިރާއްޖެއިން އިންޓަރނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ ވިދާޅުވެއްޖެއެވެ.
ޒީރޯ ކާބަން ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ހުރި ގޮތްޖެހުންތަކާ ގުޅޭގޮތުން އައިރީނާގެ ނުވަވަނަ އިއާދަކުރަނިވި ހަކަތަ އާއި ގުޅޭ މަސްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުން ޝަބީނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ގިނަ ޓެކްނޮލޮޖީތަކަށް ބިމުގެ ބޮޑު ސަރަހައްދެއް ބޭނުންވާއިރު ރާއްޖެ އަކީ ބިން މަދު ޤައުމަކަށް ވުމުންނާއި މިކަންތައްތަކާއި ގުޅޭ ފަންނަނީ މައުލޫމާތު ނެތުމުން މިއީ، މި ރޮނގުން ހާސިލް ކުރަން ބޭނުންވާ ގިނަކަންކަމަށް އޮތް ހުރަހެއް ކަމަށެވެ.
2030ގެ ނިޔަލަށް ކާބަން ބޭނުންކުރުން ހުއްޓާލުމަށް ޕެރިސް އެގްރީމަންޓްގައި ރާއްޖެ އެއްބަސްވެފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ރާއްޖެއިން އިތުރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 36.5 މެގަ ވޮޓްގެ ސޯލާ ޕީވީ ހަރުކޮށް 50 މެގަވޮޓްގެ ޕީވީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ނެޓް ޒީރޯ ލަނޑުދަނޑިއަށް ވާސިލްވުމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝަބީނާ ވިދާޅުވީ ރާއްޖޭގެ ޕަވަރ ގްރިޑް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ހަކަތަ ރައްކާކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ޕަވަރ ގްރިޑް ރަނގަޅަށް ޑިޒައިން ކުރެވިފައިނުވާ ރަށްތަކާއި އާބާދި ކުޑަ ރަށްތަކުގައި ހަކަތަ އުފެއްދުމާއި އިޤްތިސާދު ކުރުމުގައި ގޮންޖެހުންތަކާއި ދިމާވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކަނޑައަކީ ރާއްޖޭގެ ބޮޑު ސަރަހައްދެއްކަމަށްވައިރު ކަނޑުން އުފައްދާ ހަކަތަ ބޭނުން ކުރެވޭވަރަށް އެ ޓެކްނޮލަޖީ ކުރިއަރައިފިނަމަ ރާއްޖެއަށް ވެސް އެކަމުން ފައިދާ ކުރާނެ ކަމަށާއި ހާސިލް ކުރަން ބޭނުންވާ ނެޓްޒީރުގެ އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއަކީ ނާޒުކު ކުޑަ ޖާޒީރާ ޤައުމަކަށްވާއިރު އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް އަދި ހިލޭ އެހީ އާއި ޚަރަދު ކުޑަކޮށް މާލީ އެހީތެރިކަން ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޝަބީނާ ވިދާޅުވިއެވެ.